އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކަންކަން އިންތިޒާމު ކުރަމުންދަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް އެ ކަމުގެ ޝަކުވާ މާލޭގެ މޭޔަރުގެ ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީ ޕްރައިމަރީގައި އެންމެ ފޯރިގަދަކޮށް ފެންނަނީ މާލޭގެ މޭޔަރުގެ ޕްރައިމަރީ އެވެ. އަލީ އާޒިމް ނުކުންނަނީ މިވަގުތު ވެސް މާލޭގެ މޭޔަރުގެ މަގާމުގައި ހުރި އާދަމް އާޒިމްއާ ދެކޮޅަށެވެ.
އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި ޝަކުވާގައި އަލީ އާޒިމް ވަނީ މައިގަނޑު ތިން ކަމެއް ފާހަގަކޮށްފަ އެވެ. އެއީ؛
އާޒިމް ވަނީ ޑިސެމްބަރު 11، އާ ހަމައަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި މީހުންނަށް ޕްރައިމަރީގައި ވޯޓުލެވޭނެ ގޮތް ހެދުމަށް އެދިފަ އެވެ. އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރުން އިންސާފުވެރި ޕްރައިމަރީއެއް ބޭއްވޭނެ ގޮތަށް އަމަލުކުރުމަށް އަންގަވައިދިނުމަށް ވަނީ އެދިފަ އެވެ.
އޭގެ އިތުރުން އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގަވާއިދަށް ޕްރައިމަރީގައި އަމަލުކުރުމަށާއި ސެކްރެޓޭރިއޭޓުގެ މަސައްކަތް އިންތިހާބާ ބެހޭ ކޮމިޓީއާ ހަވާލުނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ.
ޕްރައިމަރީގެ ވޯޓުލުން އަންނަ ޖެނުުއަރީ 16، ގައި ބާއްވަން ނިންމާފައިވާކަން އެމްޑީޕީއިން ވަނީ އިއުލާންކޮށްފަ އެވެ.
ކައުންސިލް އިންތިހާބު އޮންނާނީ މާޗު 28، 2026 ގަ އެވެ. އެ އިންތިހާބަކީ އެމްޑީޕީ އަދި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވެސް މުހިންމު އިންތިހާބެކެވެ.
ޕްރައިމަރީ ބޭއްވުމުގައި އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރާ ކަމަށް ތުހުމަތުކޮށް އަލީ އާޒިމް ޝަކުވާ ހުށަހަޅައިފި ޕްރައިމަރީ ބޭއްވުމުގައި އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރާ ކަމަށް ތުހުމަތުކޮށް އަލީ އާޒިމް ޝަކުވާ ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ