ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށާއި، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު އަފީފު ހުސެއިން ޢައްޔަން ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ފަރާތުން ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް އަދި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު ޢައްޔަން ކުރައްވާފައިވަނީ މިއަދެވެ.
މުޙައްމަދު ޢަފީފް ޙުސައިންއަކީ ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ، އަދި ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަރސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓަރޝިޕް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައެވެ. އޭނާއަކީ 'ބެލެންސްޑް ސްކޯކާޑް' އަދި "ރިސްކް މެނޭޖްމަންޓް"ގެ ދާއިރާއިން ފަންނީ ސަނަދު ހާސިލުކުރައްވާފައިވާ، އިދާރީ ހިންގުމާއި، އިސްތިރާތީޖީ ކުރިއެރުމާއި، މުއައްސަސާތައް ބެލެހެއްޓުމުގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި 40 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ޢަފީފް ވަނީ، އުމްރާނީ ތަރައްޤީއާއި، އަސާސީ ޚިދުމަތްތަކާއި، ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައެވެ.
އެންމެ ފަހުން އަފީފު ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޗެއާމަންގެ މަޤާމުގައެވެ. އަދި، މީގެ ކުރިން ވަނީ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރައްވާފައެވެ. މީގެ އިތުރުން، ސަރަޙައްދީ އެކި ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް ވަނީ ފުރުއްވާފައެވެ.
ޢަފީފް ވަނީ ސަރުކާރުގެ އިސް މަޤާމުތަކެއްވެސް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިންގ އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް ހިމެނެއެވެ. މި މަޤާމުތަކުގައި އޭނާ ވަނީ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މަސައްކަތުގެ ދާއިރާއަށް އަފީފް އެންމެ ފުރަތަމަ ވެދެވަޑައިގަތީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ތެރެއިންނެވެ. އޭގެ ފަހުން ކަރަންޓުގެ ޚިދުމަތާއި އާންމު މަސައްކަތްތަކުގެ ދާއިރާއިން ކުރިއަށް ވަޑައިގެން، ރާއްޖޭގެ މުހިންމު އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގައި އޭނާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރަކަށް މުޙައްމަދު އަފީފު ޙުސެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ