މެޑްރިޑް (ފެބްރުއަރީ 26) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު، ރެއާލް މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީ އަދި ތުރުކީގެ ގަދަބާރު، ގަލަތަސަރާއި އިން މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ.
ފުރަތަމަ ލެގުގައި މި ތިން ޓީމުން ވެސް މޮޅުވިއިރު، ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލިޔަނުދީ ވަނީ ހިފަހަައްޓައިފަ އެެވެ. ރެއާލުން އަމިއްލަ ދަނޑުގައި ފަހަތުން އަރައި 2-1 އިން ބެންފީކާ ބަލިކުރިއިރު، ޕީއެސްޖީން ވަނީ މޮނާކޯއާ 2-2 އިން އެއްވަރުކޮށްފަ އެވެ. އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނު މެޗުން ޔުވެންޓަސް އަތުން ގަލަތަސަރާއި ވަނީ 3-2 އިން ބަލިވެފަ އެވެ. އެކަމަކު، އެގްރިގޭޓުން ޔުވެންޓަސް ބަލިވީ 5-7 އިންނެވެ.
ރެއާލް ދަނޑުގައި 14 ވަނަ މިނިޓްގައި ރަފާ ސިލްވާ ވަނީ ބެންފީކާ އަށް ލީޑުނަގައިދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން އައުރެލިއަން ޗުއަމެނީ ވަނީ ލަނޑެއް ޖަހައި، ރެއާލަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ ނަސްލީ ގޮތުން ދިމާކޮށްލި މައްސަލައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ވިނީޝިއުސް ޖޫނިއާ އެވެ. ބެންފީކާ ދަނޑުގައި ރެއާލް މޮޅުވި ގޯލު ޖެހީ ވެސް ވިނީޝިއުސް އެވެ.
މޮނާކޯ އިން މެގްނެސް އަކްލިއޫޗޭގެ ލަނޑުން ލީޑުނެގި މެޗުގައި، އެ ޓީމުގެ ކަލީދޫ ކުލިބާލީ އަށް ތިން މިނިޓް ތެރޭ ދެ ރީނދޫ ކާޑާ އެކު ދެއްކި ރަތް ކާޑުގެ ސަބަބުން ދަނޑުން ބޭލި އެވެ. މޮނާކޯގެ ކުޅުންތެރިއަކު މަދުވިތާ ހަތް މިނިޓް ތެރޭ ޕީއެސްޖީން ދެ ލަނޑު ޖަހައި، ނަތީޖާ އަނބުރާލި އެވެ. މާކީނިއޯސްގެ ލަނޑުން ޕީއެސްޖީ އެއްވަަރުކުރިއިރު، ލީޑުނެގި ލަނޑު ޖެހީ ކްވިޗާ ކްވަރަޝްކޭލިއާ އެވެ. އިތުރު ވަގުތުގެ ތެރޭގައި، ޕީއެސްޖީ ކޮޅަށް މޮނާކޯގެ ދެ ވަނަ ލަނޑު ޖެހީ، ޖޯޑަން ޓެޒޭ އެވެ.
ފުރަތަމަ ލެގުގައި ތަފާތު ބޮޑުކޮށް ބަލިވެފައި އޮތް ޔުވެންޓަސް އިން ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނު ނަމަވެސް، 90 މިނިޓް ތެރޭ އެގްރިގޭޓް އެއްވަރުކުރީ ތިން ލަނޑުގެ ލީޑެއް އަނބުރާލައި، އެއްވަރުކޮށްގެންނެވެ. އެ ގޮތުން، މެނުއަލް ލޮކަޓެލީ ޔުވެންޓަސް އަށް ލީޑުނަގައިދީފައިވަނިކޮށް، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޔުވެންޓަސްގެ ލޮއިޑް ކެލީ އަށް ރަތެއް ދައްކައި އެ ޓީމުގެ ކުޅުންތެރިއެއް މަދުވި އެވެ. އެހެން ނަމަވެސް، ހިތްވަރު އެލުވާނުލައި ކުޅެ، ޔުވެންޓަސް އިން އިތުރު ދެ ލަނޑު ޖެހި އެވެ. މިއީ، ފެޑެރީކޯ ގައްޓީ އާއި ވެސްޓަން މެކްކެނީ ކާމިޔާބުކުރި ލަނޑުތަކެކެވެ.
އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ނަތީޖާ ނެރެން ޖެހުނު މި މެޗުގައި، ގަލަތަސަރާއި އިން ލަނޑުތައް ޖެހީ ކޮންމެ ހާފެއްގެ ވެސް ފަހުކޮޅުގަ އެވެ. އެ ގޮތުން، ވިކްޓަ އޮސީމެން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގެ ފަހުކޮޅުގައި ލަނޑު ޖެހީ، ބަރިސް ޔިލްމާޒް އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގުރުއަތުލުން އޮތީ ހުކުރު ދުވަހު އެވެ.
ރެއާލް، ޕީއެސްޖީ އަދި ގަލަތަސަރާއި ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ރެއާލް، ޕީއެސްޖީ އަދި ގަލަތަސަރާއި ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ