ހުޅުމާލެ ނިރޮޅުމަގު ފޭސް2 ބްރިޖުކައިރި ސައިކަލެއް، ކާރެއް ދަށުވެއްޖެ

ހުޅުމާލެ ނިރޮޅުމަގު، ފޭސް ދެއަކާއި ފޭސް އެކަކާ ގުޅޭ ބްރިޖު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ބްރިޖުން ފޭސް އެކަކަށް އަރައިގެންދާ ލޭނުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ސައިކަލު އޮތީ އެ މަގުން ދަތުރުކުރި ކާރުގެ ކުރިމަތީ ފަރާތުން އެއް އަރިއަކަށް ކާރުގެ ދަށުވެފައެވެ. މި އެކްސިޑެންޓުގައި އެކަކަށް އަނިޔާތަކެއް ވެފައިވާކަން ފާހަގަކުރެވޭއިރު، ބެލެވޭ ގޮތުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށެވެ. މި ހާދިސާ ހިނގި ގޮތުގެ އިތުރު ތަފްސީލު ހޯދުމަށް ފުލުހުންނަށް ގުޅުމުން ޖަވާބު ނުދޭތީ އަދި އެ މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ. މިރޭ މި ނުރައްކާތެރި އެކްސިޑެންޓު ހިނގާފައިވާއިރު، ރޭ ދަންވަރު ވެސް ސިނަމާލެ ބްރިޖު ކުރިމަތިން ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. ލައިސެންސް ނެތް 19 އަހަރުގެ ޒުވާނަކު ދުއްވި އެ ސައިކަލު އެކްސިޑެންޓުވެ، ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި އެކްސިޑެންޓުތައް އިތުރުވަމުންދާތީ، އާންމުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ