އައްޑޫގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރާނީ ފަސޭހަކަމާއެކު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރާނީ ފަސޭހަކަމާއެކު ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޝާހިދު އާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން މިހާރު ގެންދަވަނީ އައްޑޫގައި ހަރަކާތްތެރިވަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އައްޑޫއަށް ވަޑައިގަތުމުން މި އިންތިހާބުގައި ވެސް އައްޑޫގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިތަކަށް އެމްޑީޕީ މެމްބަރުން އިންތިޚާބުކުރުމަށް އައްޑޫ ރައްޔިތުން ހޭވައްލާ ތައްޔާރަށް ތިބި މިންވަރު ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އައްޑޫގައި އެމްޑީޕީގެ ރޫޙު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ރައްޔިތުންގެ ބަހަކީ އައްޑޫގެ ތަރައްޤީ ގުޅިފައި އޮތީ އެމްޑީޕީއާ ކަމަށާއި އައްޑޫ ސިޓީ ކައުންސިލަށް އެހެން ޕާޓީތަކަށް ފުރުސަތު ދިނުުމުގެ ބޭނުމެއް ނެތް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރާނީ ބޮޑު ތަފާތުން ކަމަށްވެސް ވިދާޅުވި އެވެ.
"އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރާނީ ފަސޭހަކަމާއެކު،" ޝާހިދު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވަރަށް ފޯރީގައި ކެމްޕޭން ކުރަމުން އަންނަ އިރު، އެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ