ތެރެހާން؛ އެމެރިކާއާއި ހައްދުފަހަނައަޅާފައިވާ އިސްރޭލުން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، ބަހުރައިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ ފައުޖުތަކުން ބުނެފި އެވެ. މިއީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ފަށާފައިވާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ.
ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަހުރައިންގެ މަނާމާގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓްގެ މައި މަރުކަޒު ކައިރިން ބޯކޮށް ކަޅު ދުން އަރަމުންދާ މަންޒަރު ވަނީ ފެނިފަ އެވެ. ނަމަވެސް، މި ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އަދި މިކަމާ ގުޅޭގޮތުން އެމެރިކާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ޔޫއޭއީ، ގަތަރު، އުރުދުން އަދި ކުވައިތުން ބުނެފައިވަނީ އެ ގައުމުތަކުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ މިސައިލްތައް ހުއްޓުވާފައިވާ ކަމަށެވެ. ގަތަރުގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި، އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ އަލް-ޢުދައިދު އެއަރ ބޭސްއަށް އަމާޒުކޮށް ފޮނުވާލި ބައެއް މިސައިލްތައް ވަނީ އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލާފަ އެވެ.
މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ 13 އަސްކަރީ މަރުކަޒު ހުންނައިރު، އާންމު ހާލަތްތަކުގައި 30,000 އާއި 40,000 އާ ދެމެދުގެ އަދަދަކަށް ސިފައިން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެ އެވެ.
ބަހުރައިންގެ ކަމާބެހޭ ފަރާތްތަކުން ވަނީ "ނޭވަލް ސަޕޯޓް އެކްޓިވިޓީ ބަހުރައިން" ގެ ނަމުން ނަންދެވިފައިވާ އެމެރިކާގެ މަރުކަޒަށް ހަމަލާ ދިންކަން ކަށަވަރުކޮށްދީފަ އެވެ. މިއީ މައިން ސާފުކުރާ އުޅަނދުފަހަރާއި ލޮޖިސްޓިކް ސަޕޯޓް ދޭ އުޅަނދުފަހަރު ބަނދަރުކުރާ މައި ބަނދަރެވެ. ނަމަވެސް ހަމަލާ ދިން ވަގުތު އެތަނުގައި އެފަދަ އުޅަނދެއް އޮތްކަމެއް ސާފެއް ނުވެ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ "ޓްރޫތުފުލް ޕްރޮމިސް 4" ގެ ނަމުގައި ހިންގާ އޮޕަރޭޝަނެއްގެ ދަށުން، ހޮނިހިރު ދުވަހުގެ ހެނދުނު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކެއް ކަމަށެވެ.
ތެހެރާން ގަޑިން ހެނދުނު 09:30 (ޖީ.އެމް.ޓީ އިން 06:00) ހާއިރު ފެށި އެ ހަމަލާތަކުގައި މިހާތަނަށް އަމާޒުކޮށްފައިވަނީ އީރާނުގެ ލީޑަރޝިޕާ ގުޅުންހުރި ސަރަޙައްދުތަކަށެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ސަރުކާރާ ދެކޮޅަށް ތެދުވުމަށް އެ ގައުމުގެ ރައްޔިތުންނަށް ހިތްވަރު ދެއްވާފަ އެވެ.
އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ހޮނިހިރު ދުވަހު ނުރައްކަލުގެ ރަނގަބީލު ޖަހާފައިވާއިރު، އީރާނުން ގިނަ އަދަދެއްގެ މިސައިލް ފޮނުވާލާފައިވާ ކަމަށާއި އެތަކެތި ހުއްޓުވުމުގެ މަސައްކަތް ވައިގެ ސިފައިން ކުރަމުންދާ ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުނެ އެވެ. އަދި އަވަށްޓެރި އުރުދުންގެ އަސްކަރިއްޔާއިން ބުނީ އެ ގައުމުގެ ސަރަހައްދަށް އަމާޒުވި ދެ ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާ ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމަށް އީރާނުގެ ބެލިސްޓިކް މިސައިލްތަކުން ނުރައްކާތެރި ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށެވެ. "ޔޫއޭއީގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ވަރަށް ފުރިހަމައަށް އެ މިސައިލްތަކާ ކުރިމަތިލައި، ގިނަ އަދަދެއްގެ މިސައިލް ކާމިޔާބީއާއެކު ހުއްޓުވާފައި،" އެ ބަޔާނުގައިވެ އެވެ. ނަމަވެސް، މިސައިލްތަކުގެ ބައިތައް އަބޫދާބީގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ވެއްޓުމުގެ ސަބަބުން މުދަލަށް ގެއްލުންވެ، އާންމު ރައްޔިތަކު މަރުވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެ އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ، އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާ ކުށްވެރިކުރައްވައި ވިދާޅުވީ، އެއީ އެއްވެސް އުސޫލެއް ނެތް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ހަމަލާއެއް ކަމަށެވެ. އަދި އީރާނުގެ ހަތިޔާރުއެޅި ފައުޖުތައް އޮތީ މިފަދަ ދުވަހަކަށް ތައްޔާރުވެގެން ކަމަށާއި، އަނިޔާވެރިންނަށް ދޭންޖެހޭ ހައްގު ފިލާވަޅު ދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިރާން ހަނގުރާމަ: ބަހުރައިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަކަށް އީރާނުން ހަމަލާދީފަ އިރާން ހަނގުރާމަ: ބަހުރައިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަކަށް އީރާނުން ހަމަލާދީފަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ