މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ، އެ ދެ ޒުވާނުން ސައިކަލުގައި ދިޔައީ ހުޅުމާލޭގައި ހުންނަ ފެމެލީ ރޫމް ކެފޭއަށް ކޮފީއެއް ބޯށެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބާބަކިޔޫ ހަދާ ސަރަހައްދުން ދުއްވާފައި ދިޔައީ ވަންވޭއާ އެއްކޮޅަށެވެ. ސައިކަލުގެ ސްޕީޑު ހުރީ 20-15 ކިލޯމީޓަރުގަ އެވެ.
އެކަމަކު ދެން އެ މަގަށް އަޅާލީ، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެކެވެ. ނުރައްކާތެރި ގޮތަކަށް ދެ ސައިކަލު ޖެހި އެކްސިޑެންޓުވި އެވެ. ބާރު ސްޕީޑުގައި އައި ސައިކަލު ކޮންޓްރޯލްވީ، މަގުގެ އެއް ކައިރީގައި ހުރި ހޮޅި ދަނޑީގައި ޖެހިފަ އެވެ. ސައިކަލް ދުއްވަން އިން 19 އަހަރުގެ ޒުވާނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ހަމަ އެރޭ މަރުވީ އެވެ.
އަނެއް ސައިކަލުގައި ތިބި ދެ ޒުވާނުންނަށް ވެސް ބޮޑެތި އަނިޔާތަކެއްވި އެވެ. ސައިކަލު ދުއްވަން އިން ޒުވާނާ ހޭ އެރީ ހަފުތާއެއް ފަހުންނެވެ. ފަހަތުގައި އިން 18 އަހަރުގެ މޫސާ މުޒްދާން ޝަރީފް އަދިވެސް އުޅެނީ އަނިޔާތަކުން އަރައިނުގަނެވިގެންނެވެ.
"އެކްސިޑެންޓުގައި މުޒްދާންގެ ވާތުގެ ލޮލަށް ލިބުނު އަނިޔާގައި ފެނުން ގެއްލުނީ. އެ އިއާދަކުރެވުމުގެ އިނީ ވަރަށް ކުޑަކުޑަ އުއްމީދެއް." މުޒްދާންގެ ބަައްޕަ އަހުމަދު ޝަރީފް ބުންޏެވެ.
އެކްސިޑެންޓުގައި ދެން ލިބުނު ޒަހަމްތައް ފަސޭހަވި ނަމަވެސް ލޮލުގައި އަޅާ ވޭން ކުޑައެއް ނުވި އެވެ. ކިރިޔާ 18 އަހަރުވީ ތަނާ ހިނގި އެ އެކްސިޑެންޓުގައި އެއް ލޮލުގެ ފެނުން ގެއްލުމުން، އޭނާ އަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ.
"ދެން ލޮލަށް ނުފެނިދާނޭ ކަމަށް ބުނުމުން ވަރަށް މާޔޫސްވި. އެކަމަކު އަޅުގަނޑުމެން އޭނާއަށް ވަރަށް ވިސްނައިދިނިން މިހާލުގައި ވެސް އުޅެން ޖެހިދާނޭ ކަމަށް. އަދި ރަނގަޅު ނުވިޔަސް އެކަން ގަބޫލުކުރުމަށް،" ޝަރީފް ބުންޏެވެ.
އޭނާ ބުނިގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުންނާއި އައިކެއާއިން، ލޮލުގެ ދެ އޮޕަރޭޝަން މުޒްދާން ވަނީ ކޮށްފަ އެވެ. ދެން ކުރާ އޮޕަރޭޝަނަކުން ފެނުން އިއާދަވާނެ ކަމަށް ޑޮކްޓަރުން ކުޑަކުޑަ އުއްމީދެއް ދިނެވެ. އެއީ ރާއްޖޭން ކުރެވޭނެ އޮޕަރޭޝަނެއް ނަމަވެސް ޝަރީފް ބޭނުންވަނީ، ހަގު ދަރިފުޅުގެ ފެނުމާ ގުޅިފައިވާ އެ ފަރުވާ އެންމެ ރަނގަޅު ފެސިލިޓީއަކުން ދޭށެވެ. އެކަމަށް އޭނާ ހިޔާރުކުރީ އިންޑިއާގެ ހޮސްޕިޓަލެެކެވެ.
މި ފަރުވާއަށް އާސަންދަ ލިބޭތޯ އެ މީހުން މަސައްކަތް ކުރި ނަމަވެސް، ރާއްޖޭން ކުރެވޭ އޮޕަރޭޝަނަކަށް ވުމުން އެ އެހީއެއް ނުލިބުނެވެ. އެހެންވެ، ޝަރީފް އެދެނީ އާއްމުންގެ އެހީތެރިކަމަށެވެ. މުޅި އޮޕަރޭޝަނާއި ހުރުން ފަދަ ކަންކަމަށް 6،000 ޑޮލަރު ހޭދަވާނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.
ޒުވާން އެ ދަރިފުޅުގެ މުސްތަގްބަލާ ގުޅިފައިވާ ކަމަކަށްވާތީ، ޝަރީފް ބޭނުންވަނީ ޑޮކްޓަރުން ދިން ކުޑަކުޑަ އުއްމީދުގައި ވެސް ހިފާށެވެ. އިތުރަށް މަޑުކޮށްފި ނަމަ، ވަގުތު ފާއިތުވެދާނެތީ އަވަސް އެހީތެރިކަމަކަށް އޭނާ އެދުނެވެ.
މުޒްދާނަށް އެހީތެރިވުމަށް:
ބީއެމްއެލް އެކައުންޓު ރުފިޔާ: 7710129161101
ބީއެމްއެލް އެކައުންޓު ޑޮލަރު: 7730000617020
އެކައުންޓް ނަން: އަހުމަދު ޝަރީފް
މަރުގެ އެކްސިޑެންޓުގައި ގެއްލުނީ އެއް ލޮލުގެ ފެނުން، އެދެނީ އެހީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ