ކޯޓުއާ ބޭނުންވަނީ ބާސެލޯނާގެ ކިބައިން ބަދަލުހިފަން

ސައުދީ އަރަބިއްޔާގައި މިރޭ ކުޅޭ ސްޕެނިޝް ސުޕަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބޭނުންވަނީ ބާސެލޯނާގެ ކިބައިން ބަދަލުހިފަން ކަމަށް ރެއާލް މެޑްރިޑުގެ ކީޕަރު ތިބައު ކޯޓުއާ ބުނެފިއެވެ. ކޯޓުއާ މިހެން ބުނީ އެންމެ ފަހުން ކުޅުނު މި މުބާރާތުގެ ފައިނަލުގައި ބާސެލޯނާ އަތުން ބަލިވުމާއި ގުޅިގެންނެވެ. މެޗުގެ ކުރިން މީޑިއާގައި ވާހަކަދައްކަމުން ކޯޓުއާ ބުނީ އޭރުގެ ހިތި ނަތީޖާ އަދިވެސް ހަނދާން އެބަހުރި ކަމަށެވެ. އަދި ބޭނުންވަނީ ބާސެލޯނާގެ ކިބައިން ބޮޑު ތަފާތަކުން ބަދަލުހިފާ، މެޗު ކާމިޔާބުކުރުން ކަމަށެވެ. "ބަލިވުމުގެ ބަދަލުހިފަން އަހަރެން އެންމެ ބޮޑަށް މަސައްކަތްކުރާނީ، މުޅީ ޓީމުގެ ވިސްނުންހުރީ ވެސް އެހެން، އަހަރެމެންނަށް އެމީހުން (ބާސެލޯނާ) ބަލިކުރެވޭނެ، އެ ފެންވަރު މި ޓީމުގައި އެބަހުރި" ކޯޓުއާ ބުންޏެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ބެލްޖިއަމުގެ ގައުމީ ކީޕަރު ބުނީ އެންމެ ފަހުގެ އެލް ކްލެސިކޯގައި ބާސެލޯނާ އަތުން ބަލިވުމަކީ އޭނާއަށް ގަބޫލުކުރަން ފަސޭހަ ނަތީޖާއެއް ނޫން ކަމަށެވެ. އަދި މި މެޗުގައި ޓީމުގެ ވިސްނުމަކީ ކުރީކޮޅު ނަތީޖާ ނެރުންކަމަށް ކޯޓުއާ ބުންޏެވެ. "މެޗުގެ ފުރަތަމަ ގޯލު ޖެހުމަކީ ވަރަށް މުހިންމު ކަމެއް. އަހަރެމެންގެ އަމިއްލަ ކުޅުން ކުޅެފިއްޔާ އެ ނަތީޖާ ނެރެވޭނެ، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ" ކޯޓުއާ ބުންޏެވެ. ރެއާލް މެޑްރިޑާޢި ބާސެލޯނާ މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 00:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ