ޑްރަގު ވިޔަފާރިކޮށް، އެ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހޯދުމަށް ފުލުހުން ފެށި 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރު ކުރި މީހުންގެ ތެރެއިން ސިޔާސީ މަގާމެއްގައި އޭރު ހުންނެވި މީހާގެ އެކައުންޓުން އެކަނި ވެސް 38.8 މިލިއަން ރުފިޔާ ފަސް އަހަރުގެ ތެރޭގައި ދައުރުކޮށްފައިވާ ކަމަށާއި އެ ނެޓްވޯކުން އެ މުއްދަތުގެ ތެރޭގައި ޖުމްލަ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 4 ލައްކައަށް ވުރެ ގިނަ ޑޮލަރު (6.1 މިލިއަން ރުފިޔާ) ދައުރުކޮށްފައިވާއިރު، މި މައްސަލައިގައި 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި 'އޮޕަރޭޝަން އަލިމަގު' މިދިޔަ އާދިއްތަ ދުވަހު ކުރިއަށްގެންދިޔައީ މާލެ އާއި ގއ.ގެ ރަށްތަކުގަ އެވެ. އެގޮތުން، ގއ. އަތޮޅަށް ޑްރަގު އެތެރެކޮށް އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކުރި އެވެ.
ތަފްސީލް - މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ގއ. އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ:
އަހްމަދު އަނާމް އިބްރާހިމް، 30، އައިޒަން/ގއ. ވިލިނގިލި
ޝައްފާހް ލަތީފް، 28، ޝެވޯނާ/ގއ. ވިލިނގިލި
އަހްމަދު މަދީހު، 33، މިޔުޒިކީއާގެ/ގއ. ވިލިނގިލި
ނޫރުއްނިޒާމް، 35، އަރާއިރުގެ/ގއ.ވިލިނގިލި
އޭގެ ތެރެއިން، އަނާމް ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަކިކުރީ ހައްޔަރުކުރުމުން އިއްޔެ އެވެ.
"މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުންނަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފެށީ މިދިޔަ މާޗުގަ އެވެ. އެގޮތުން، 2015 އިން ފެށިގެން އެ ނެޓްވޯކުން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ފަސް އަހަރު ތެރޭގައި އެ ނެޓްވޯކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 4 ލައްކައަށް ވުރެ ގިނަ ޑޮލަރު ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވެ އެވެ. މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.
މިހާރު ހައްޔަރުކޮށްފައިވާ ހަތަރު މީހުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުރުކުރި ފައިސާގެ ގޮތުގައި ފުލުހުން ބުނީ:
އަހްމަދު މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17.2 މިލިއަން ރުފިޔާ ދައުރު ކޮށްފައިވޭ: އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99ރ.
އަހްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓުތަކުގައި 38.8 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި؛ އެ މުއްދަތުގެ ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32ރ.
ޝައްފާހް ލަތީފްގެ ބޭންކް އެކައުންޓުތަކުގައި 6.9 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި؛ އެ މުއްދަތުގެ ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36ރ.
"މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒްކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާހް ލަތީފާއި އަހްމަދު މަދީހް އަދި އަހްމަދު އަނާމް އިބްރާހީމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ. ނޫރުއްނިޒާމް ބަންދުކުރީ 15 ދުވަހަށެވެ.
ގއ. ޑްރަގު ނެޓްވޯކް: 306 މިލިއަން ރުފިޔާ ދައުރުކުރި؛ 13 މީހެއްގެ 53 އެކައުންޓު ފްރީޒްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ