އިރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަށް ވިލާތުގެ ބައެއް ގައުމުތަކުން ތާއީދުކުރަމުންދާތީ، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ އަދި ފަރަންސޭސިވިލާތުގެ ސަފީރުން އީރާނުގެ ފޮރިން މިިނިސްޓްރީއަށް ހާޒިރުކޮށްފިއެވެ.
އިރާނުގެ ދައުލަތުގެ މީޑިއާ، އައި.އާރު.އައި.ބީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފޮރިން މިނިސްޓްރީއަށް ސަފީރުން ހާޒިރުކުރުމަށްފަހު، މުޒާހަރާތަކުގެ ތެރޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ ފޫޓޭޖްތަކެއް ވަނީ ދައްކާފައެވެ. އިރާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މި އަމަލުތަކަކީ އާދައިގެ ސުލްހަވެރި މުޒާހަރާތަކުން ފެންނާނެ ކަމެއް ނޫން ކަމަށާއި، މިއީ ރޭވުންތެރިކަމާއެކު ގައުމަށް ގެއްލުންދިނުމަށް ހިންގާ ހަރަކާތްތަކެކެވެ.
އިރާނުން ވަނީ އެ ވީޑިއޯތައް އެ ގައުމުތަކުގެ ޚާރިޖީ ވުޒާރާތަކާ ހިއްސާކުރުމަށް ސަފީރުންގެ ކިބައިން އެދިފައެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ތާއީދުކޮށް އެ ގައުމުތަކުން ނެރެފައިވާ ރަސްމީ ބަޔާންތައް އަނބުރާ ގެންދިއުމަށްވެސް ވަނީ ގޮވާލާފައެވެ.
ތެހެރާނުން ބުނާ ގޮތުގައި، މި މުޒާހަރާތަކަށް ސިޔާސީ ގޮތުންނާއި މީޑިއާގެ ޒަރީއާއިން ތާއީދުކުރުމަކީ އިރާނުގެ ދާޚިލީ ކަންކަމާއި ގައުމީ ސަލާމަތަށް ނުފޫޒު ފޯރުވުމުގެ އަމަލެކެވެ.
މި ފިޔަވަޅު އަޅާފައިވަނީ އިރާނުން ބޭރުގައިވެސް މުޒާހަރާތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ލަންޑަނުގައި ހުންނަ އިރާނުގެ އެމްބަސީގެ ބޭރުގައި ބޭއްވި މުޒާހަރާއެއްގައި، އެމްބަސީގައި ހުރި އިރާނުގެ ގައުމީ ދިދަ ބާލައި، އޭގެ ބަދަލުގައި ކުރީގެ ރަސްކަމުގެ ރަމްޒެއް ކަމަށްވާ "ލަޔަން އެންޑް ސަން" ހިމެނޭ ދިދައެއް ވަނީ ނަގާފައެވެ.
އިރާނުގެ ފައިސާގެ އަގު ދަށްވެ، އިގްތިސާދީ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ތެހެރާނުގެ ގްރޭންޑް ބާޒާރުން ފެށުނު މި މުޒާހަރާތައް މިހާރު ވަނީ ގައުމުގެ އެކި ސިޓީތަކަށް ފެތުރިފައެވެ.
މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދެއް އިރާނުން ހާމަކޮށްފައި ނުވި ނަމަވެސް، އެމެރިކާގައި ހުންނަ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ (އެޗް.އާރު.އޭ.އެން.އޭ) އިން އަންދާޒާކުރާ ގޮތުގައި، ސަލާމަތީ ބާރުތަކުގެ މީހުންނާއެކު މިހާތަނަށް މަދުވެގެން 544 މީހުން ވަނީ މަރުވެފައެވެ. އަދި 1,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
އެ ޖަމްއިއްޔާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އިރާނުގެ 31 ޕްރޮވިންސެއްގެ 186 ސިޓީ ހިމެނޭ ގޮތަށް ޖުމްލަ 585 ސަރަހައްދެއްގައި ކުރިއަށްދާ މުޒާހަރާތަކުން މިހާތަނަށް 10,681 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ވިލާތުގެ ސަފީރުން ހާޒިރުކޮށް އިރާނުގެ މުޒާހަރާގެ އަނދިރިފަރާތް ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ