ސަރުކާރުން ބޭސް އެތެރެކުރުމަށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ދަށަށް އެސްޓީއޯގެ ފާމަސީތައް ބަދަލު ކުރަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭން ބޮޑެތި ބަލިތަކުގެ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވަމުން ގޮސް، ސަރުކާރުން ބޭސް އެތެރެކުރަން ކުންފުންޏެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
ތަފްސީލް - މިހާރު މަސައްކަތް ކުރަމުން އަންނަނީ އެކި މަރުހަލާތަކަށް ބަލާލައިގެން، އަންނަ މަހުގެ 15ގެ ނިޔަލަށް ބޭސް ފިހާރަތައް އާ ކުންފުނީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކަމަށް އެސްޓީއޯ އިން މިއަދު ބުންޏެވެ.
އެއާ އެކު، އެސްޓީއޯ އިން މާލެ އާއި ރަށްރަށުގައި ހިންގާ 190އަށް ވުރެ ގިނަ ފާމަސީތަކާއި އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އާ ކުންފުނީގެ ދަށަށް ބަދަލުވާނެ އެވެ.
އެނގުން މުހިންމު - އެސްޓީއޯ އިން ފާމަސީގެ ހިދުމަތް ފެށީ 1983 ވަނަ އަހަރު އެވެ. 42 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާ އެކު އެސްޓީއޯ އިން އަންނަނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ އިތުރުން އާންމުކޮށް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެން ނުހުންނަ ބޭސްތައް ވެސް ބޭސް ސިޓީ ހުށަހެޅުމުން، އޮންނަ އުސޫލުގެ ދަށުން ގެނެސްދެމުންނެވެ.
ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ދަށަށް ބޭހުގެ ކަންތައް ބަދަލުވުމުން ބޭރުން ބޭސް ގެނެސްދިނުން ނުވަތަަ އެބްރޯޑް ޕްރިސްކްރިޕްޝަންގެ ކަންތަކާއި ޔޫއެންޑީޕީ ބަލްކް ޕްރޮކިޔުމެންޓުގެ މަސައްކަތްތައް ވެސް ކުރާނީ އެ ކުންފުނިންނެވެ.
އެސްޓީއޯ ފާމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ