ދަރުމަވަންތަ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީތައް ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި

ދަރުމަވަންތަ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީތައް ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަހު ހަވީރު ބާއްވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ދަންނަވާފައިވަނީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިންނާއި ނެޝަނަލް ފާޓިލިޓީ ސެންޓަރުގެ އިސްވެރިންނެވެ.
މި ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވާފައިވާއިރު، ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. މި ވައުދާއި އެއްގޮތަށް އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މެދުވެރިކޮށް ރާއްޖެއިން ބޭރުންވެސް ދަރިމައިވުމާ ގުޅޭ ފަރުވާ މިހާރު ލިބެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފާޓިލިޓީ ސެންޓަރު 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ހުޅުވާފައިވާއިރު މި ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވީ މި އަހަރުގެ ޖަނަވަރީ 7 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ މިއީ ތާރީހީ ކާމިޔާބީއެއް ކަމަށާއި މި ކަމުގެ ސަބަބުން ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް އުންމީދެއް ލިބިގެންގޮސްފައިވާކަމުގައި ވިދާޅުވެފައެވެ.
އައިވީއެފް ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަކަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއްކަން ފާހަގަ ކުރައްވާ ހަލީމް އިތުރަށް ވިދާޅުވީ، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އެމަނިކުފާނު ހުޅުވައިދެއްވި ނެޝަނަލް ފާޓިލިޓީ ސެންޓަރަކީ، ދިވެހި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.
މީގެއިތުރުން އެންޑޯމެޓްރިއޯސިސް އަދި ޕެލްވިކް ކްލިނިކުގެ ނަމުގައި ކްލިނިކެއް، އައިޖީއެމްއެޗުގައި ގާއިމުކޮށް، އެ ހިދުމަތްވެސް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
"އެންޑޯމެޓްރިއޯސިސް" އަދި "ޕީސީއޯއެސް"ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށާއި "އައިޔޫއައި" އަދި އައިވީއެފްގެ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، އައިވީއެފް" އާއި އައިޔޫއައި"ގެ ފަރުވާގެ އެހީ 105 ފަރާތަކަށް ހަމަޖެހި، 84 ފަރާތެއް ވަނީ މި ހިދުމަތް ހޯދަން މިހާރު ފަށާފައި ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ކަނޑައަޅާ ފަޓިލިޓީ ކެއާ ފަންޑެއް މިހާރުވާނީ ގާއިމުކޮށްފައި ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ