ތުހުމަތަށް އިންކާރުކުރި 57 އަހަރުގެ އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް

މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މައްސަލައެއްގައި މިދިޔަ މަހުގެ 23 ގައި ހައްޔަރުކުރި 57 އަހަރުގެ ދިވެހި އަންހެން މީހާގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ. މި މައްސަލައަކީ ހުޅުމާލޭގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އެ އަންހެން މީހާއާއި އުމުރުން 52 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި މައްސަލައެކެވެ. ފުލުހުން އޭރު ބުނީ މި ދެ މީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 32.6 ގުރާމު ކަމަށެވެ. އޭރު އެ ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. އޭގެ ފަހުން މިމަހުގެ 12 ވަނަ ދުވަހު އެ ދެމީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެ ގޮތުން 52 އަހަރުގެ ފިރިހެން މީހާ 15 ދުވަހަށް އަދި 57 އަހަރުގެ އަންހެން މީހާ އިތުރު ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. https://sun.mv/216630 އެއަށްފަހު އިއްޔެ، އަންހެން މީހާގެ ބަންދުގެ މުއްދަތު ކޯޓުން މިވަނީ އިތުރު 15 ދުވަހަށް އިތުރުކޮށްފައެވެ. ބަންދުގައި އޭނާ ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އޭނާއާ ގުޅުންހުރި ތަނަކުން ފެނިފައިވާއިރު އޭނާގެ ހައްޔަރާއި ބަންދުގެ ލޮގުގައި އެބާވަތުގެ މައްސަލަތަކުގެ ރެކޯޑު ހުރުމުންނެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ފަރާތެއް ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ. އެހެންކަމުން އެފަދަ ފަރާތެއް ބަންދުން ދޫކޮށްލުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކޯޓު އަމުރުގައި ބުންޏެވެ. މީގެ ކުރިން ކޯޓު އަމުރުން އެނގޭ ގޮތުގައި މި ދެ މީހުން ވެސް އެ ދެމީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް، އެކަށީގެންވާ ހެއްކާއި، ފެނުނު މަސްތުވާތަކެތީގެ ބަރުދަން، މަސްތުވާތަކެތީގެ ޓްރެފިކިންގެ މިންގަނޑަށް އަރާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ