ޔާމީންގެ 1 މިލިއަން ޑޮލަރު ކޭސްގެ ބެންޗު ބަދަލުކޮށް، އާދިއްތަ ދުވަހު އަޑު އެހުމެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލަ ބަލަމުން ދިޔަ، ހައިކޯޓުގެ ބެންޗު ބަދަލުކޮށް އިތުރު އަޑު އެހުމެއް އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ. މިއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ތެރެއިން އުފަންވި ކޭސްއެއްގެ އިސްތިއުނާފު އަޑު އެހުމެކެވެ. އެ ފައިސާ ހޯދުމަށް ޔާމީން ދަށު ކޯޓުގައި ދައުވާ ކުރި މައްސަލަ މިހާރު ހައިކޯޓުގައި އޮތްއިރު، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ކުރިން ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން ޝަހީދުއެވެ. އެކަމަކު ޝަހީދު، ސުޕްރީމް ކޯޓަށް ޕްރޮމޯޓް ކުރުމާއެކު މައްސަލަ އޮތީ ހުއްޓިފައެވެ. އެންމެ ފަހުން މި މައްސަލައިގެ އަޑު އެހުމެއް އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ދުވަހު، ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަހީދު އިއުލާން ކުރެއްވީ މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. އޭގެ ގާތްގަނޑަކަށް އަހަރެއް ފަހުން، އަންނަ އާދިއްތަ ދުވަހަށް މި މައްސަލަ ތާވަލުކޮށްފައިވާއިރު، ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުހް، ޝަހީދުގެ ބަދަލުގައި މިހާރު މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ދާދި ފަހުން ހައިކޯޓަށް އައްޔަން ކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއެވެ. ބެންޗުގައި ދެން ހިމެނެނީ ކުރިންވެސް ބެންޗުގައި ހިމެނުނު ފާތިމަތު ފަރްހީޒާ އަދި ދީބާނާޒް ފަހުމީ އެވެ. ރައީސް ޔާމީން، އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހޯދަން، ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުންވަނީ ކުރިން ޝަރީއަތުގައި ބުނެފައެވެ. އެ ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ. އެހެންވެ، ބޭންކުން އިޖްރާއީ ނުކުތާއެއް ނެގީ އެ ދައުވާ ބޭންކުގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ދިޔައީ ހައިކޯޓަށެވެ. ހައިކޯޓުގައި ބީއެމްއެލްގެ ވަކީލުން ބުނީ އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ ކޮންޓްރެކްޓްގައި ނުހިމެނޭ ބައިވެރިއެއް ކަމަށާއި އެހެންކަމުން ކޮންޓްރެކްޓަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުތަކުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަކީ އިޖްރާއީ ނުކުތާއެއް ނެގި ނަމަވެސް އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭ ފަދަ ކަމެއް ކަމަށް ވަކީލުން ބުންޏެވެ. ބޭންކުގެ ވަކީލުން ބުނިގޮތުގައި ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ އެ ފަރާތުގެ ހުއްދަ ނެތި އެހެން މީހަކަށް ދޫ ކުރުމުގެ ހައްގެއް ބޭންކަކަށް ނޯންނާނެ އެވެ. އެހެންވެ، ބޭންކުން އެދުނީ އެ މައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި ދިނުމަށެވެ. އޭސީސީ އާއެކު، ރައީސް ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލަ މަޑުޖައްސާލަން ހައިކޯޓުން ކުރިން ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ