ރޭއަޅުކަން ކުރެވޭނީ ﷲ ތަޢާލާގެ ޙަޟްރަތުން ދަޢުވަތުލިބިގެން ކަމަށްވުމަކީ ނުކޮށް ހުންނަން އޮތް ސަބަބެއް ނޫން! އެކަމަށް އެދޭ ކޮންމެ މީހަކަށް ދަޢުވަތު ދެއްވަވާނެ! އިން ޝާ ﷲ

ފަރުޟު ނަމާދުތަކަށްފަހު ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވާ ނަމާދަކީ ތަހައްޖުދު ނުވަތަ ދަމުނަމާދެވެ. އެކަމަކު ބުނަންހެއްޔެވެ؟ ތަހައްޖުދް ނަމާދުކުރެވޭނީ ﷲ ތަޢާލާގެ ޙަޟްރަތުން ދަޢުވަތު ލިބިގެންނެވެ. ދަޢުވަތުލިބޭ މީހުންނަށެވެ.  
މިބަހުގެ މާނަ އޮޅުވައިނުލާށެވެ! މިބުނަނީ ތަހަޖުދްނަމާދުކުރަން މަސައްކަތް ނުކުރުމަކަށް ނޫނެވެ. ކޮންމެ މުސްލިމަކުވެސް އެކަމަށް މަސައްކަތްކުރަންވާނެއެވެ. ހިތުގެ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމުން ދަޢުވަތު ދެއްވަވާނެތެވެ. އިން ޝާ ﷲ  
މިޘާލަކަށް ފުރަތަމަކޮޅު ހޭލެވެނީ ސޯނާކޮށް އެތައް މަސައްކަތަކުން ކަމަށްވެދާނެއެވެ. ހޭލެވުމުންވެސް ނަމާދުނުކޮށް ނިދިވެސްދާނެއެވެ. އެހެންކަމާއިއެކުވެސް ތިބާ ހިތްވަރުކޮށްފައި ނިދީން ހޭލައި ތަހައްޖުދް ނަމާދުކުރަން މަސައްކަތްކުރާނަމަ ސޯނާ ކިރިޔާވެލާއިރަށް ހޭލެވި ނިދިފިލަން ފަށާނެއެވެ. އެއިގެ ދުވަސްކޮޅެއް ފަހުން ސޯނާކުރުމަކާއި ނުލައިވެސް ހޭލެވެން ފަށާނެއެވެ. އެއިރުން ތިބާއަށް އެދަނީ ދަޢުވަތުލިބެމުންނެވެ.  
ތިބާއެކަމަށް މާބޮޑު މަސައްކަތްތަކެއް ނުކޮށް ހުއްޓައިވެސް ބައެއް ރޭތަކުގައި ފަތިސްނަމާދުގެ ވަޤުތު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ހޭލެވިދާނެއެވެ. އެކަން އެގޮތަށް މެދުވެރިވެއްޖެނަމަ ފަތިސްނަމާދުގެ ވަޤުތާއި ދެމެދު އަދި ވަޤުތު އެބައޮތްކަމަށް ބަލައި ކަންނެތްވެ ނުނިދާށެވެ. އެއީ ދޫކޮށްލަން ހެޔޮވާނެ ފުރުޞަތެއް ނޫނެވެ. އެއީ ތަހައްޖުދް ނަމާދުކުރަން ތިބާއަށް ދެއްވެވި ދަޢުވަތެއްކަން ޤަބޫލުކޮށް ތެދުވެ ތަހައްޖުދް ނަމާދުކުރަން އަވަސްވެގަންނާށެވެ!  
މީސްތަކުންނޭވެ! ތަހައްޖުދް ނަމާދު ޤަވާއިދުކޮށް ކުރެވޭނީ ﷲ ތަޢާލާ ދެކެ ވަރަށް ބޮޑަށް ލޯބިވާ އަޅުންނަށެވެ. ތަހައްޖުދް ނަމާދު ޤަވާޢިދުކޮށް ކުރަން ފަށައިފިނަމަ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދާނީ ލިބި އިތުރުވަމުންނެވެ.  
ވީމާ ކުރިމަތިވާ މައްސަލަތައް ގިނަވާ ވަރަކަށް އޮތީ ބޭސްކައިގެން ގަދައަށް ނިދަން މަސައްކަތްކުރުމެއް ނޫނެވެ. ހީވާގިވެލައި އެހެން މީހުން ނިދަން ތިއްބައި ތެދުވެ ތަހައްޖުދް ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ ކުރިމަތިވާ ހުރިހާ މައްސަލަތަކަކުން އަރައިގަނެވި އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ
 
- މައްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ