އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތަކީ ކީރިތި ރަސޫލާ ﷺ ގެ ސީރަތުން އަޅުގަނޑުމެން އުނގެނި، އެއިން ޢިބުރަތް ޙާޞިލުކުރަންޖެހޭ މުހިންމު ޙާދިސާއެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށެވެ.
ޚުޠުބާގައި ބުނި ގޮތުގައި، އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ މާތް اللهُ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ރަސޫލާ ﷺ އަށް ދެއްވި ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. މިއީ މުސްލިމުންގެ އިމާންކަން އިމްތިޙާނުކުރެއްވި ވަގުތެއްވެސްމެއެވެ. މި ޙާދިސާ ހިނގާފައިވަނީ ރަޖަބު މަހުގެ 27 ވިލޭރޭގައެވެ. އިސްރާގެ ދަތުރުފުޅަކީ ބިންމަތީގައި، މަސްޖިދުލްޙަރާމުން މަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިޢުރާޖަކީ ބައިތުލްމަޤްދިސުން ފެށިގެން މަތިވެރި އުޑުތަކަށް އަދި ސިދުރަތުލްމުންތަހާއަށް ކުރެއްވި ދަތުރުފުޅެވެ.
މި ދަތުރުފުޅަކީ ކީރިތި ރަސޫލާ ﷺ އިސްލާމީ ދަޢުވަތުގައި އުފުއްލެވި ބުރަތަކާއި، އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޚަދީޖަތުގެފާނާއި ބޮޑުބޭބޭފުޅު އަބޫޠާލިބު އަވަހާރަވުމުން ލިބިވަޑައިގަތް ހިތާމައަށް މާތް اللهُ ދެއްވި މަތިވެރި ތަސައްލީއެއްކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
މި ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަމެވެ. اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނޭކަމެވެ. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ލިބިގަންނާން ޖެހޭ ޢިބުރަތްތަކުގެ ތެރޭގައި، ހިތުގެ ޠާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިގެންވުމުގެ މުހިންމުކަން ވެއެވެ. އެއްވެސް ކަމަކާ ކުރިމަތިލާން ވާނީ ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައެވެ.
ޚުތުބާ
ނަމާދުގެ މުހިންމުކަން: މި ދަތުރުފުޅުގައި އުންމަތަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދެވެ. މިއީ އެއްވެސް މެދުވެރިއަކާ ނުލައި މާތް اللهُ ފަރުޟުކުރެއްވި އަޅުކަމަކަށްވާތީ، ޢިލްމުވެރިން ނަމާދަކީ މުސްލިމުންގެ މިޢުރާޖުކަމަށް ހުތުބާގައި ވަނީ ސިފަކޮށްފައެވެ.
ރަސޫލާ ﷺ ގެ މަތިވެރިކަން: ބައިތުލްމަޤްދިސުގައި ހުރިހާ ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން ނަމާދުކުރެއްވުމުން އެކަލޭގެފާނުގެ މަތިވެރި މަޤާމު ހާމަވެގެންދިޔައެވެ.
ތެދުވެރި އެކުވެރިކަން: މި ޙާދިސާގެ ވާހަކަ މައްކާގެ މުޝްރިކުން ދޮގުކުރިއިރު، އެއްވެސް ޖެހިލުމެއްނެތި އެކަލޭގެފާނުގެ ބަސްފުޅު ތެދުކުރެއްވީ އަބޫބަކުރުގެފާނެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނަށް "އައްޞިއްދީޤު"ގެ ލަޤަބު ލިބިވަޑައިގަތެވެ.
ހެޔޮ ޢަމަލުގެ ސަވާބު: އިސްރާގެ ދަތުރުފުޅުގައި އިބްރާހީމްގެފާނާ ބައްދަލުވެ، ސުވަރުގޭގައި ގަސް އިންދުމަށްޓަކައި "ސުބުޙާނަالله، އަލްޙަމްދުލިالله، ވަލާއިލާހަ އިލްލަالله، الله އަކްބަރު" މި ޒިކުރު ގިނަކުރުމަށް އުންމަތަށް ވަޞިއްޔަތްކުރެއްވިކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މިއަދުގެ ޚުޠުބާ ނިންމާލާފައިވަނީ، މި މަތިވެރި ޙާދިސާއިން ޢިބުރަތް ލިބިގަނެ، ހިތުގެ ޠާހިރުކަމާއި ފުރިހަމަ އީމާންކަމާއެކު ދިރިއުޅުން ބައްޓަންކުރުމަށް ހުރިހާ މުސްލިމުންނަށް ވަޞިއްޔަތް ކުރަމުންނެވެ.
އިސްރާ އާއި މިޢުރާޖު ހާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން: ޚުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ