އަނބިމީހާ މަރާލަން އުޅުނު ކަމަށް ތުހުމަތުވާ މީހާ ހައިކޯޓުން މިނިވަންކުރީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު
އަނބިމީހާއަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު، ބަންދުން ދޫކޮށްލަން ހައިކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. މިއީ މެދުރާއްޖެތެރޭގެ ރަށެއްގައި 2024 ވަނަ އަހަރު ހިނގި ހާދިސާއެއްގައި، ދިވެހި ފިރިހެނަކު އޭނާގެ އަންހެނުންނަށް ވަޅިން ބިރު ދެއްކި މައްސަލައެކެވެ. މި މައްސަލައަކީ އާއްމުކޮށް ހުޅުވައިނުލާ ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލައެއްކަމުން މައްސަލައިގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ. މި މީހާ، ޝަރިއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ދަށު ކޯޓުގެ އަމުރަކުންނެވެ. އެކަމަކު، އެ މީހާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ޑިސެމްބަރު މަހު ހައިކޯޓުންވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށް އެ މީހާ މިނިވަންކޮށްފައެވެ. އެ މީހާ މިނިވަން ކުރުމުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އަނބިމީހާއަށް ވަޅިން ހަމަލާދީ، މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުންނެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މި މައްސަލަ އެ ކޯޓުން މިދިޔަ ހަފްތާގައި ނިންމީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ދަށު ކޯޓުން އެ މީހާ ބަންދުކޮށްފައި ބެހެއްޓުމަށް ކުރި އަމުރަށް ތާއީދުކޮށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، އަބްދުﷲ ހަމީދު އަދި މުހައްމަދު ސަލީމްއެވެ. މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންވެސް އިއްތިފާގުވީ ހައިކޯޓުން އެ މީހާގެ ބަންދު އަމުރު ބާތިލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. މިއީ އަސްލު މައްސަލައިގެ ތެރެއިން އުފަންވެފައިވާ ބަންދު އަމުރުގެ މައްސަލައެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގައި ދައުލަތުން ހަތަރު ދައުވާއެއް އެ ފިރިހެން މީހާގެ މައްޗަށް ވަނީ އުފުލާފައެވެ. އެއީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައްކާތެރިވުމުގެ އަމުރާ ހިލާފުވުމުގެ ދައުވާއަކާއި، ގާނޫނުލް އުގޫބާތުގެ ދަށުން، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަކާއި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އަދި މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ. މި ހަތަރު ދައުވާ ވެސް 2024 ވަނަ އަހަރު ވަނީ ކޯޓަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ