76 ފޮށީގެ ވޯޓުލުން އަދި ނުނިމޭ: އީސީ

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓު ލުން ނިމި ވޯޓު ފޮށިތައް ބަންދު ކުރަން ފަށާފައިވާއިރު 76 ފޮށީގެ ވޯޓުލުން އަދި ނުނިމެއެވެ.
އިލެކްޝަންސް ކޮމިޝަން އިން ބުނީ އިންތިހާބުތަކުގެ ވޯޓު ހަވީރު 5:00 އާ ހަމައަށް ނިމިފައިވާއިރު، މިހާތަނަށް ބަންދުކުރެވިފައިވަނީ ޖުމްލަ 588 ފޮށީގެ ތެރެއިން 512 ފޮށި ކަމަށެވެ.
އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 08:00 އެވެ. ވޯޓުފޮށިތަކުގެ ކިއުތައް ބަންދުކުރުމަށް ކުރިން ނިންމާފައި ވަނީ 4:00 ގައެވެ. ނަމަވެސް ވަގުތު ކުޑަތަންވެފައި ވަނިކޮށް އީސީން ވަނީ ކިއުތައް ބަންދުކުރާ ގަޑި 5:00 އަށް ދިގު ދަންމާލާފައެވެ. އީސީން ބުނީ ވަގުތު އިތުރުކޮށްފައިވަނީ ވޯޓުލުން ހޫނުގަދަވެ، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީކަމަށެވެ.
ވޯޓު ފޮށިތައް ބަންދުކުރުމާއެކު 30 ވަރަކަށް މިނެޓު ތެރޭ ވޯޓު ގުނުމުގެ މަސައްކަތް ފެށިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ހަވީރު 4 ގެ ނިޔަލަށް 185،709 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 62.98 ޕަސެންޓު މީހުންނެވެ. އޭގެ ތެރޭގައި 92567 އަންހެނުން އަދި 93142 ފިރިހެނުން ހިމެނެއެވެ.
މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކައުންސިލްތަކުން ޖުމްލަ 626 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު، ސިޓީ ކައުންސިލްތަކަށް ވަނީ 52 ކެންޑިޑޭޓުން ކުރިމަތިލާފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 2961 ކެންޑިޑޭޓުން ކުރިމަތިލާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ