ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ: ފަރުވާއަށް ގެނައި ދެ މީހުން އަދިވެސް ވެންޓިލޭޓަރުގައި
އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އިތުރު ފަރުވާއަށް މާލެ ގެނައި ދެ މީހުންނަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރެވެ. އެ ހާދިސާގައި ފަސް މީހަކު މަރުވެފައިވާއިރު، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނައެވެ. 'ސަން' އިން ސުވާލުކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އިތުރު ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންނަށް އަދިވެސް ފަރުވާދެމުން ދަނީ، ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. ފުލުހުން ވަނީ މި ހާދިސާގައި އަނިޔާވި އެންމެންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ ރައްޔިތުން ކަމަށް ބުނެފައެވެ. އެ ހާދިސާ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ދަންވަރު 01:57ގައި ކަަމަށާއި، ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 02:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. https://sun.mv/219142 ފުލުހުން ވަނީ ހާދިސާ ރިޕޯޓުކުރުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި އޭރު އެ ގޭގެ ބަދިގެއިން ވަރަށް ބޮޑަށް އަލިފާން އަރަމުން ދިޔަކަމަށް ބުނެފައެެވެ. އެހެންކަމުން އެތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ވަންނަންޖެހުނީ ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، އެ ގޭގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ. މި މައްސަލަ އިތުރަށް ބެލުމަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ތަހުގީގު ޓީމެއް ވަނީ ދިގުރަށަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ