ޑުރަގާއެކު ހައްޔަރުކުރުމުން، އަނބިމީހާގެ ބަނޑަށް އަށް މަސްވެފައިވާ ކަމަށް ބުނެ ދޫކޮށްލަން އެދިއްޖެ

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު، އޭނާގެ އަނިބިމީހާގެ ބަލިވެއިން ކަމަށް ބުނެ، ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ. ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް، މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ވަނީ 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. ކޯޓަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި، އޭނާ ހައްޔަރުކުރި ތަނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި އެ ތަނުން ފެނުނު، މަސްތުވާތަކެތި އެޅި ކަމަށް ޝައްކު ކުރެވޭ ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އޭނާ ވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް އިއުތިރާފުވެ، އެއީ އޭނާ ބޭނުންކުރުމަށް އަތުގައި ބެހެއްޓި އެއްޗެއް ކަމަށް ބުނެފައި ކަމަށް އަމުރުގައިވެއެވެ. ބަންދު މަޖިލީހުގައި އެ ފިރިހެން މީހާ ވަނީ އޭނާގެ އަލަތު ކައިވެނީގެ އަނބިމީހާ ބަލިވެއިން ކަމަށާއި ބަނޑަށް އަށް މަސް ވެފައިވާ ކަމަށް ބުނެފައެވެ. އެހެންވެ، އެކަމަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްދިނުމަށް ވަނީ އެދިފައެވެ. ކޯޓުން ވަނީ އެ މައުލޫމާތުގެ ސައްހަކަން ބެލުމަށް ފުލުހުގައި އެދިފައެވެ. ނަމަވެސް އެހާތަނަށް، އޭނާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މި އަހަރުތެރޭ ފުލުހުންނަށް ތިންވަނައަށް އެންމެ ގިނައިން ހުށަަހަޅައިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 384 މައްސަލައެއް މިހާތަނަށް ހުށަހަޅައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ