ބަންގްލަދޭޝްގެ މުވައްޒަފުންގެ މަސައްކަތު ވަގުތު މަދުކޮށްފި

އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި، ހަކަތަ އިގްތިސާދު ކުރުމުގެ ގޮތުން ބަންގްލަދޭޝްގެ ސަރުކާރު މުވައްޒަފުންގެ މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ކުރުކޮށް، ހަރަދުތައް ކުޑަކުރުމުގެ އާ ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ.
މިގޮތުން، ސަރުކާރުގެ އިދާރާތައް ހުޅުވިފައި ހުންނާނީ ހެނދުނު 9 އިން ހަވީރު 4އާ ހަމައަށެވެ. އަދި ބާޒާރުތަކާއި ފިހާރަތައް ހަވީރު 6ގައި ބަންދުކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން، ސިނާއީ މަސައްކަތްތަކުގައި ބޭނުންކުރާ ކަރަންޓު މަދުކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް މަދުކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފަ އެވެ.
އިމްޕޯޓްކުރާ ތެލަށް ބަރޯސާވެފައިވާ ބަންގްލަދޭޝްގެ ކަމާބެހޭ ބޭފުޅުން ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކަކީ ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ސަޕްލައި ލިބުމުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކެކެވެ.
ހަކަތައަށް އޮތް ޑިމާންޑް ކުޑަކުރުމަށްޓަކައި، ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި އިލެކްޓްރިކް ބަސްތައް ޑިއުޓީއާ ނުލައި އެތެރެކުރުމުގެ ހުއްދަ ދިނުމަށް ވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ.
ބަންގްލަދޭޝްއިން މިހާރު ވެސް ވަނީ ތެޔޮ ދޫކުރާ މިންވަރު ކޮންޓްރޯލްކޮށް، ވިއްކުން މަދުކޮށްފަ އެވެ. އަދި ހަކަތަ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ މާލީ އިދާރާތަކުން 2.5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ތެލުގެ ސަޕްލައި އަދިވެސް ހުރީ ވަރަށް ދަތި ހާލަތެއްގައި ކަމަށް އޮފިޝަލުން ވަނީ އިންޒާރު ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ