ކުރެވުނު ކުށަކުން ފަޟީޙަތްވާންޖެހިފައި ހުރި އަންހެނަކަށް އެހީތެރިވުމުން ބޮޑު ރަޙްމަތެއް ލިބުނު ފަޤީރު ދެމަފިރިއެއްގެ ވާހަކަ-

މިގެނެސްދެނީ ހަމައެކަނި އެދެމަފިރިންގެ ވާހަކައެއް ނޫނެވެ. ލޯބީގެ އަވާގައި ޖެހި ފަޟީހަތްޖެހުނު އަންހެނަކު ތައުބާވެ ޢަމަލުކުރި ގޮތުން ދުނިޔޭގައިވެސް އުފާވެރިކަން ލިބުނު އަންހެނެއްގެ ވާހަކައާއިވެސް އެކުގައެވެ. ވާހަކަ ވިދާޅުވެލައްވާށެވެ! ޢިބްރަތް ޙާޞިލުކުރެއްވޭނެ ފިލާވަޅަކަށްވާނެއެވެ. އިން ޝާ ﷲ 
އަހަރެމެން ދެމަފިރިން ހިމެނޭނީ ރަށުގެ އެންމެ ފަޤީރު ނޫންނަމަވެސް ހަމަ އެންމެ ފަޤީރުންގެ ތެރެއިންނެވެ. ކައިވެންޏަށް 8 އަހަރުވީއިރުވެސް ދަރިއަކުވެސް ނުލިބެއެވެ. އެކަން ވެފައިއޮތީ އެންމެ ބޮޑު ހިތާމައަށެވެ.  
އަހަރެމެން ދެމަފިރިން ދިރިއުޅެނީ ޢާންމުކޮށް މީހުން ދިރިނުއުޅޭ ހިސާބެއްގައެވެ. އަހަރެމެންގެ ދަނޑުބިމުގައެވެ. ކުޑަވަރެއްގެ ޖިފުޓިއެއް އަޅައިގެންނެވެ. ކޮންމެހެން ދާންޖެހިގެން ނޫނީ ރަށުތެރެއަށް ގޮހެއް ނުއުޅެމެވެ. ތަރުކާރީކޮޅެއް ލިބުމުން ވިއްކާލަން މާރުކޭޓަށް ދިއުން ނޫން ބޭނުމަކު ރަށުތެރެއަކަށް ނުދަމެވެ.  
އެއްރެއަކު ޢިޝާ ނަމާދުކޮށްގެން ނިދަން އޮށޯންނަން އުޅެނިކޮށް ޒުވާން އަންހެން ކުއްޖަކު އައިސް ސަލާމް ގޮވުމުން ސަލާމް ބަލައިގަނެ ގޭތެރެއަށް ވައްދައި އަށީގައި ބޭންދުމުން އެ ކުއްޖާ ބުންޏެވެ.  
"ތިއަ ދެމަފިރިންގެ ގާތަށް މިއައީ ވަރަށް ބޮޑު ބޭނުމަކުއެވެ. ބުނަން ލަދުވެސް ގަނެއެވެ. ނަމަވެސް ނުބުނެ ވާން ނެތުމުން މިކިޔައިދެނީއެވެ. އަހަރެންނަށް ވަރަށް ބޮޑު ފާފައެއް ކުރެވިއްޖެއެވެ. ކައިވެނިކުރާނެކަމަށްބުނެ ގުޅިގެން އުޅުނު ޒުވާނާގެ ބަހަށް ހެއްލެވި ޒިނޭކުރެވުނީއެވެ. ބަލިވެއިންކަން އެނގުމުން އޭނާ ފިލައިފިއެވެ.  
މިކަން އަހަރެންގެ މައިންބަފައިންނަށް އެނގިއްޖެނަމަ ދަރިފުޅު ވައްޓައިލާނެއެވެ. އެ ގޮތް ބޭނުމެއް ނޫނެވެ. އެއިރުން އެކުރެވެނީ އަދި މާބޮޑު ފާފައެކެވެ. ވީމާ ދުރުތަނަކަށް ވަޒީފާއަށް ދަނީކަމަށްބުނެފައި މިއުޅެނީ ގެއިން ނުކުމެގެންނެވެ. އަހަރެން ނިޞްބަތްވަނީވެސް މިރަށަކަށް ނޫނެވެ. މާދުރުރަށަކަށެވެ.  
މިރަށުތެރޭގައި އުޅޭތާ 3 ދުވަސްވެއްޖެއެވެ. ބައެއް މީހުންގެ ފަރާތުން އެނގުނީ ތިއަ ދެމަފިރިންނަކީ އެކަނި ތިބި ދެމަފިރިންކަމެވެ. އެހެންވެ މިއައީ ވަރަށް ބޮޑު އެހީތެރިކަމަކަށް އެދިގެންނެވެ. އެއީ ވިހައިގަދަވަންދެން މިގޭގައި ބައިންދާލަދިނުމެވެ. ވިހަން ޚަރަދުކޮށްލާނެ ފައިސާކޮޅެއް އަތުގައި އެބަހުއްޓެވެ. އިތުރު ފައިސާއެއް ނެތެވެ. މިގޭގައި ބައިންދައިފިނަމަ ވީވަރަކުން ދެމަފިރިންނަށް މަސައްކަތްކޮށްދޭނަމެވެ."  
އޭނާގެ ވާހަކަތައް އަޑުއަހާފައި ދެމަފިރިން ވަރަށް ދެރަވިއެވެ. ނަހަލާލަށް ވިހެއުމަކީ ލަދުވެތިކަމެކެވެ. ނަމަވެސް ކުށަކީ އިންސާނުންނަށް ކުރެވޭ އެއްޗެކެވެ. އޭނާއެވަނީ ތައުބާވެފައެވެ. އަދި އޭނާ އެ ޤުރްބާންވަނީ ކުރެވުނު ފާފައަށްވުރެ މާބޮޑު ފާފައަކުން ސަލާމަތްވާށެވެ.  
ﷲ ތަޢާލާ އަންގަވާފައިވަނީ މީހުންގެ އައިބު ފޮރުވައިދީ އެހީތެރިވުމަށެވެ. އަދި ޙާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވުންމަތީގައި ދެމިހުރިހާ ހިނދަކު އެމީހަކަށް އެކަލާނގެ އެހީތެރިވެވޮޑިގެންނެވުންމަތީގައި ދެމިހުންނަވާނެ ކަމަށެވެ.   
އެދެމަފިރިން ނިންމީ އޭނާއަށް އެހީތެރިވުމަށެވެ. އެމީހުންގެ ބެލުމުގެދަށުގައި ގެންގުޅޭށެވެ. ދަރިއަކު ފަދައިން ބަލަހައްޓާށެވެ. އެއިރުން ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތަށް އުންމީދުކޮށްގެން ﷲ ތަޢާލާއަށްޓަކައި އެކަން ކުރަން ނިންމައި އެގޭގައި ބެހެއްޓީއެވެ.  
ކަންކަން މެދުވެރިވިގޮތް މިކިޔައިދެނީއެވެ. ދެމަފިރިންގެ ދަނޑުބިމުގައި ބަރަކާތް ލެއްވެވިއެވެ. ލިބޭ މޭވާ އާއި ގޮވާން އިންތިހާއަށް އިތުރުވެގެންދިއައެވެ. ތަނަވަސްކަން ލިބުނެވެ. އަދި އެ އަންހެން މީހާ ވިހައި ގަދަވިތަނާހެން ދަނޑުވެރިޔާގެ އަނބިމީހާ ބަލިވެ އިނދެއްޖެއެވެ.  
އަންހެން ކުއްޖާ ވިހައި ގަދަވުމަށްފަހު ކަންކަން ވީގޮތް އޭނާގެ ޢާއިލާއަށް އެންގިއެވެ. އަދި އޭނާއަށް ކުރެވުނު ކުށުގެ ސަބަބުން މައިންބަފައިން އޭނާ ޤަބޫލުނުކުރާނެނަމަ އެހިސާބުން އޭނާގެމަތިން ހަނދާން ނައްތައިލިނަމަވެސް އެންމެ ރަނގަޅުކަމަށާއި އޭނާއަށް މާފުކުރާނެ ނަމަ ބަލައި އައުމަށް އެދުނެވެ. 
އޭނާގެ މައިންބަފައިން އޭނާއަށް މާފުކުރިއެވެ. ބަލައިދިއައެވެ. އެއީ ތަނަވަސް ދެމަފިރިންނެވެ. އެނބުރި ދިއައީ ދަނޑުބިން ބަލަހައްޓަން ބައަކާއި ޙަވާލުކޮށްފައި އެދެމަފިރިންވެސް ގޮވައިގެންނެވެ. އެހިސާބުން އެދެމަފިރިންނަށް ދިރިއުޅެން ލިބުނީ ރީތި ގެއެކެވެ. ޚަރަދުކުރާނެ ފައިސާވެސްމެއެވެ. އަންހެން ކުއްޖާގެ މައިންބަފައިން ފުރަތަމަ އެދުނީ އެއަންހެން މީހާ ވިހާ ގަދަވަންދެން އެމީހުންގެ ގާތުގައި ތިބުމަށެވެ. ވިހެއުމުން އެދުނީ އަބަދުވެސް އެގޭގައި ތިބުމަށެވެ. އަދި ދެމަފިރިންނަށް ވަކިން ދިރިއުޅެވޭނެ ގޮތްވެސް ހަދައިދިނެވެ.   
މިފަދަ އެތައް ހާދިސާތަކެއް ކޮންމެ ދުވަހަކުވެސް ހިނގައެވެ. ނަމަވެސް މީސްތަކުންނަށް ވިސްނައި ފިކުރުނުކުރެވެނީއެވެ. ދަތިހާލެއްގައި މީހަކު ޖެހިއްޖެނަމަ އެހީތެރިވުމުގެ ބަދަލުގައި ފަޟީޙަތްކުރެވެނީއެވެ. އެއީ އެންމެ ނުބައި މީހާކަމަށް ވާހަކަ ދެއްކެނީއެވެ. އެއީ ވަރަށް ބޮޑު ގޯހެކެވެ. ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެހިސާބުން އެކަން އެނިމުނީއެވެ. މީސްތަކުންނަށް އޮތީ އެމީހަކު ބަލައިގަނެ އެހީތެރިވުމެވެ.  
މިކިޔައިދިން ވާހަކައިން ދެކަމެއް ފާހަގަކުރާށެވެ! ފުރަތަމަކަމަކަށް އަންހެންކުއްޖާ ތައުބާވެ އިތުރު ފާފައެއް ނުކުރަން ކުރި މަސައްކަތެވެ. ތަނަވސް ދިރިއުޅުން ދޫކޮށްލައި ފަޤީރުޙާލުގައި އުޅެން ޖެހުނަސް ﷲ ތަޢާލާއަށް ބިރުވެތިވީކަމެވެ. އެކަމުގެ ސަބަބުން ލެއްވެވި ބޮޑު ރަޙްމަތެވެ.  
ދެވަނަކަމަކަށް ފާހަގަކުރަންވީ ނިކަމެތި ޙާލުގައި ހުރި އަންހެނަކަށް އެހީތެރިވެ ހިތްވަރުދިނުމުން ދަނޑުވެރި ދެމަފިރިންނަށް ލެއްވެވި ބޮޑު ރަޙްމަތެވެ. އެހެން އެކަންކަން މެދުވެރިނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެމީހަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގެންފިނަމަ ނުލިބޭނީ ކޮން ނިޢުމަތެއް ހެއްޔެވެ؟ ވީމާ މި ވާހަކައިން ވަރަށް ގިނަ ޢިބްރަތްތަކެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ