ދެކުނު އޭޝިއާގެ ޓީޓީ މުބާރާތުން ރާއްޖެއަށް ތިން ރިހި މެޑަލް

އިންޑިއާގެ ޝިމްލާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ގައި ދިވެހި ޒުވާން ކުޅުންތެރިން ވަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކައި، ގައުމަށް ފަޚުރުވެރި ރިހި މެޑަލްތަކެއް ހޯދައިދީފިއެވެ. މިގޮތުން 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގައި ޢާއިޝަތު އަލްސާ ނާފިޒާއި މުޙައްމަދު ޙަލަފް ރާފިޢުގެ ޕެއާ ވަނީ ސެމީ ފައިނަލްގައި ސްރީލަންކާގެ މައްޗަށް 3-1 އިން ކުރިހޯދައި، ފައިނަލުގައި އިންޑިއާގެ ވަރުގަދަ ޕެއާއާ ވާދަކޮށް ރިހި މެޑަލް ހާސިލްކޮށްފައެވެ. ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ރިހި ހޯދި ރާއްޖޭގެ 15 އަހަރުންދަށުގެ މިކްސް ޕެއާ-- މީގެ އިތުރުން، 19 އަހަރުން ދަށުގެ މިކްސް ޑަބަލްސްގައި ރާއްޖޭގެ ތަރި ފާތިމަތު ދީމާ ޢަލީ އާއި މުޙައްމަދު ޙަލަފް ރާފިޢު ވަނީ ސެމީގައި ބަންގްލަދޭޝް ބަލިކޮށް، ފައިނަލުގައި އިންޑިއާގެ ޕެއާއާ ދެކޮޅަށް ހިތްވަރުގަދަ ކުޅުމެއް ދައްކައި އިތުރު ރިހި މެޑަލްއެއް ގައުމަށް ހޯދައިދީފައެވެ. މި ކާމިޔާބީތަކުގެ އިތުރުން، ރާއްޖޭގެ 15 އަހަރުން ދަށުގެ އަންހެން ޓީމުންވެސް ވަނީ ޓީމު އިވެންޓުން ރިހި މެޑަލް ހޯދައި، ސަރަހައްދީ ފެންވަރުގައި ދިވެހި ޓޭބަލް ޓެނިހުގެ ބާރު ސާބިތުކޮށްދީފައެވެ. ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ރިހި ހޯދި ރާއްޖޭގެ ޓީމު-- މި މުބާރާތުގައި ދިވެހި ކުޅުންތެރިން ދައްކަމުންދާ ކާމިޔާބު ކުޅުމަކީ ދިވެހި ކުޅިވަރުގެ މުސްތަގުބަލަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ