އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރަން ނަން ފޮނުވައިފި އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރަން ނަން ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސްގެ މަގާމައް މި ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު ނަން ފޮނުވައިފި އެވެ.
މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އިދާރީ މޭޒުން ވަނީ ރަމީލާ، އެޗްއާރުސީއެމްގެ ރައީސަކަށް އައްޔަންކުރުމަށް މުއިއްޒު ފޮނުއްވި ސިޓީ އިއްވައިފަ އެވެ.
ރަމީލާ އައްޔަންކުރުން އަވަސްކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ހެދުނު 10:30 އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ޑިސެމްބަރު 3، ގައި ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާގެ ދައުރު ހަމަވުމުންނެވެ.
ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލުކޮޅު ހުރިގޮތުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 1، 2024، ގަ އެވެ.
އެންމެ ފަހު ސްޓޭޖުގައި ކެންސަރު ބަލި ހުރިކަން އެނގުމާއެކު ނޮވެމްބަރު، 2023, ގައި ވެސް ފަރުވާއަށް ގައުމުން ބޭރަށް މިނިސްޓަރު ރަމީލާ ވަޑައިގަތެވެ. ފަރުވާ އަށް ފަހު އަލުން އެނބުރި މަސައްކަތަށް ނުކުންނެވީ ފެބްރުއަރީ، 2024، ގެ ކުރީކޮޅު އެވެ.
މިނިސްޓަރުކަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ