ގަވައިދާ ޚިލާފަށް ކޯސްތައް ހިންގާފައެއް ނޯންނާނެ، ނަން ކިލަނބުކުރަން އުޅުމުން އެމްކިޔުއޭއަށް ގާނޫނީ ފިޔަވަޅު އަޅާނަން: އެވިޑް ކޮލެޖު
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކޮށްފައިވާ އެކްރެޑިޓޭޝަނާ ޚިލާފަށް އެވިޑު ކޮލެޖުން ލަންކާގައި ޕްރޮގްރާމުތަކެއް ހިންގާފައެއް ނޯންނާނެ ކަމަށާއި، އެމްކިއުއޭއިން އަމަލުކުރި ގޮތަކީ އެ ކޮލެޖުގެ ނަން ކިލަނބުކުރުން ކަމުން، އެ އިދާރާއަށް ގާނޫނީ ފިޔަވަޅު އެޅުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް، އެވިޑު ކޮލެޖުން މިއަދު ބުނެފިއެވެ. އެމްކިއުއޭއިން ދޫކޮށްފައިވާ އެކްރެޑިޓޭޝަންތަކާ ޚިލާފަށް އެވިޑު ކޮލެޖުން އަވަށްޓެރި ސްރީލަންކާގައި ޕްރޮގްރާމުތަކެއް ހިންގާތީ ކަމަށް ބުނެ، އެ ކޮލެޖަށް ނަސޭހަތްދީ، އެމްކިއުއޭއިން އެކަން އިއުލާނުކުރީ މި މަހުގެ ތިންވަނަ ދުވަހެވެ. އެކަމާ ގުޅިގެން، ސްރީލަންކާގައި ގަވައިދާ ޚިލާފަށް ކޯސްތައް ހިންގަމުންދާ ކަން ދޮގުކޮށް މިއަދު ނެރުނު ބަޔާނެއްގައި އެވިޑުން ބުނީ، އެ ކޮލެޖުގެ ބައެއް ކޯސްތައް ސްރީލަންކާގެ ބައެއް ޕާޓްނާ ކޮލެޖުތަކުން ހިންގާފައިވަނީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެވިޑުގެ ހުއްދަ ހޯދުމަށް ފަހު، އެވިޑަކީ ސްރީލަންކާގެ ޔުނިވާސިޓީތަކާ ބެހޭ އިދާރާ ކަމަށްވާ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން (ޔޫޖީސީ)އިން ގަބޫލުކުރާ ތަނަކަށް ވާތީ ކަމަށެވެ. https://www.sun.mv/216227 އެވިޑުން ބުނީ، އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމުތައް ރާއްޖޭން ބޭރުގައި ހިންގުމާ ބެހޭ ގަވައިދު މިދިޔަ ސެޕްޓެންބަރު މަހުގެ ދިހަވަނަ ދުވަހު ގެޒެޓުކުރުމާއެކު، އެ މަހުގެ 14ވަނަ ދުވަހު އެ ކޮލެޖުގެ ޕާޓުނަރު ކޮލެޖުތަކާ އެކަން ހިއްސާކޮށްފައިވާ ކަމަށެވެ. އެކަން އެމްކިއުއޭއަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށް، އެ ބަޔާނުގައި ބުންޏެވެ. ބަޔާނުގައި ވަނީ، އެމްކިއުއޭއިން އެ ގަވާއިދު އާންމުކުރުމުގެ ކުރިން ކުރިއަށް ގެންދިޔަ އެފިލިއޭޝަންތަކާ މެދު އެ އިދާރާގެ ލަފަޔައަކަށް އެވިޑުން އެދުނު ކަމަށެވެ. އެމްކިއުއޭއިން މިމަހުގެ ތިންވަނަ ދުވަހު ނޫސްބަޔާނެއް ނެރެ، އެއާ ޖެހިގެން އައި ދުވަހު އިއުލާނުކުރީ އާންމުންނަށް އޮޅޭ ފަދަ ގޮތަކަށް، އެވިޑުގެ ނަން ކިލަނބުކުރުމަށް ކަމަށާއި، އެ އިދާރާއިން އެކަން ކުރީ އެވިޑަށް ގެއްލުންދިނުމުގެ ގޯސް ނިޔަތެއްގައި ކަމަށް އެ ކޮލެޖުން ބުންޏެވެ. "...އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން އެވިޑު ކޮލެޖާ މެދު އަމަލުކުރަމުންދާ ގޮތާއި، ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ބައެއް ގަވައިދުތަކާއި، އެ ގަވައިދުތަކުގެ ބައެއް މާއްދާތަކާ ގުޅޭ ގޮތުން، އެވިޑު ކޮލެޖުގެ ފަރާތުން ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު މަޝްވަރާކުރެވެމުންދާ ކަމުގައި ވެސް ދެންނެވީމެވެ،" އެ ބަޔާނުގައިވެއެވެ. މިމަހުގެ ތިންވަނަ ދުވަހު އެމްކިއުއޭއިން ކުރި އިއުލާނެއްގައި ބުނީ، އޮގަސްޓު 29، 2024އިން ފެށިގެން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ޚިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި، ނަސޭހަތްތެރިވަމުން އަންނަ ކަމަށެވެ. އޭގެ ފަހުން، މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ކޮލިފިކޭޝަންސް އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު -- ފޮޓޯ/ އެމްކިއުއޭ ނަމަވެސް، މިއަދާ ހަމައަށް، އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަކަން ލިބިފައިވާ މަޢުލޫމާތުތަކުންނާއި ލިޔެކިޔުންތަކާއި އެވިޑް ކޮލެޖުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވާ ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ. އެމްކިއުއޭއިން ބުނީ، އެ ފަދަ ކަންކަމުގެ ނަތީޖާއަކަށް ވާނީ، ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ގާއިމުވެފައިވާ އިތުބާރާއި ޔަގީންކަމަށް އިޢާދަނުކުރެވޭފަދަ ގެއްލުންތައް ލިބެމުން ދިޔުން ކަމަށެވެ. މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި އެ އޮތޯރިޓީގެ ހުއްދަ ނުހޯދާ ނުހިންގުމަށް ހުރިހާ މަރުކަޒުތަކަށް މިދިޔަ އަހަރުގެ ފެބްރުވަރީ 17ގައި އެމްކިއުއޭއިން ވަނީ އަންގާފައެވެ. އޭގެފަހުން ވަނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު ގެ ދަށުން، އޮތޯރިޓީގެ ހުއްދަ ހޯދައިގެން ޕްރޮގްރާމްތައް ހިންގަން އިލްތިމާސްކޮށްފައެވެ. އެ ކަންކަމަށް ތަކުރާރުކޮށް އަމަލު ކުރުމަށް އެމްކިއުއޭއިން އެވިޑަށް އެންގިއެވެ. އެހެންވެ، އެކަމަށް އަމަލުކޮށްފައިނުވާ ކަމަށް ބުނެ، އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދުގެ ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖަށް ނަސޭހަތްތެރިވާން އެމްކިއުއޭއިން ވަނީ ނިންމާފައެވެ. މިދިޔަ ސެޕްޓެމްބަރު 10ގައި ގެޒެޓުކުރި އެ ގަވައިދުގެ ދަށުން، ދެވަނަ ފިޔަވަޅަކަށް އޮންނާނީ އެވިޑް ކޮލެޖް 8،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. އެއަށްފަހު 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި، މީގެކުރިން ވެސް އެވިޑު ކޮލެޖުގެ މިފަދަ މައްސަލައެއް ފެންމަތިވިއެވެ. މިގޮތުން، އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ޚިލާފަށް ކޯސްތަކެއް ހިންގަން އެވިޑް ކޮލެޖުން އިޝްތިހާރު ކުރި މައްސަލައެއް ޑިސެމްބަރު 29، 2022ގައި ފެންމަތިވިއެވެ. އެކަމާ ގުޅިގެން އޭރު އެވިޑުން ބުނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެކްރެޑިޓް ނުކުރާ ކޯހެއް އެވިޑް ކޮލެޖުން ނުހިންގާ ކަމަށާއި އެ ފަދަ ކޯހެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ކޯހުގެ އިޝްތިހާރު ހެދުމުގައި ލިޔެވުނު ކުށެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ