ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއެކު އަންނަނީ މަޝްވަރާކުރަމުން، ބޭނުންވާ އެހީތެރިކަން ދޭން ތައްޔާރު: ބީއެމްއެލް

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކާއެކީ މަޝްވަރާކުރަމުން އަންނަ ކަމަށާއި، ފަތުރުވެރިކަމަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، ގައުމީ ބޭންކު ބީއެމްއެލުން މިއަދު ބުނެފިއެވެ. ބީއެމްއެލުން ބުނީ، މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، އެ ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. "މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ހިނގަމުންދޭ،" ބީއެމްއެލުން ބުންޏެވެ. ކުރިއަށް ހުރި ދުވަސްތަކުގައި، ހަނގުރާމައިގެ ސަބަބުން ހާލަތު ބަދަލުވަމުން އަންނަ ގޮތް ބޭންކުން ބަލަމުން ގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުން ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، އެ ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ. އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ފަތުރުވެރިން މަދުން އައުމުން ހިންގުމަށް ދަތިވެފައިވާ ރިސޯޓުތަކަށް ގައުމީ ބޭންކު، ބީއެމްއެލުން ފައިނޭންޝަލް ފެސިލިޓީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. https://sun.mv/219840 ޠާރިޤް ވިދާޅުވީ، ރިސޯޓުތަކަށް އަންނަ ފަތުރުވެރިން މަދުވުމުން އެ ތަންތަން ހިންގުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއެކު މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، މިހާރު ހިންގުމަށް ދަތިވެފައި ހުރި ރިސޯޓުތަކަށް މާލީ އެހީ ދިނުމަށް ބޭންކުތަކާ ވާހަކަދެއްކުމަށް މަޓީން އެދުނު ކަމަށް އޭނާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގައި ކުރާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ. ތާރިގު ވިދާޅުވި ގޮތުގައި، މިދިޔަ މަހު 28އިން އިއްޔެއާ ހަމައަށް 496 ފުލައިޓު ވަނީ ކެންސަލްވެފައެވެ. ނަމަވެސް، ފުލައިޓުތައް އަންނަ މިންވަރު އިތުރުކޮށް، އާ އެއާލައިންތަކާ އެކު އެއްބަސްވުންތައް ހެދުމަށް މަސައްކަތްކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، އިތިއޯޕިއަން އެއާލައިނާ އެއްކޮށް ސޮއިކޮށް، ދަތުރުތައް ފަށަން ތައްޔާރުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ