މިއީ މިހާރު މާ 'ރެލެވެންޓް' މީހެއް ނޫން، އެކަމަކު ރިޓަޔާއެއް ނުކުރާނަން: ގާސިމް

މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާއަށް ލިބިވަޑައިގެންނެވި ވޯޓު މަދުވީ ތާއީދު ނެތުމުން ކަމަށާއި، އެކަމަކު ސިޔާސީ މަސައްކަތުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ގާސިމް ވިދާޅުވީ، އޭނާގެ ތާއީދު ދަށަށް ދިޔައީ "ވިޔާނުދާ ސަރުކާރުތަކެއް" ގެނައުމަށް މަސައްކަތް ކުރެއްވުނީތީ ކަމަށެވެ. 
ވީ ކިިހިނެއް؟ - މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގައި ޖޭޕީގެ ފަރާތުން ވާދަކުރެއްވި ގާސިމަށް ލިބިވަޑައިގެންނެވީ 5،000 އެއްހާ ވޯޓެވެ. މިއީ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ލިބިވަޑައިގެން ވޯޓަށް ވުރެ ވެސް މަދު މިންވަރެކެވެ.
އިތުރަށް ކިޔާލަން - ގާސިމް އުމަރަށް ވުރެ ވެސް ފަހަތުން ފަސްވަނައިގައި
އެންމެ ގިނަ ވޯޓު ލިބިގެން ދެ ވަނަ ބުރަކަށް ދަތުރުކުރި ޕީޕީއެމް-ޕީއެންސީ އަދި އެމްޑީޕީއާ އެކު ކޯލިޝަން މަޝްވަރާތަކެއް ބޭއްވުމަށް ފަހު، މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ ވަކި ކޮޅަކަށް ނުޖެހި، އެއްވެސް ޕާޓީއަކާ ބައިވެރިނުވެ މަސައްކަތް ކުރުމަށެވެ.
އިތުރަށް ކިޔާލަން - ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމައިފި
ތަފްސީލް - ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު، އޭނާ އަކީ ރާއްޖޭގެ ސިޔާސީ މަައިދާނަށް މިހާރު "މާ ބޭނުންތެރި" މީހެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓު އެހާ މަދުވި ސަބަބާ ގުޅޭ ގޮތުންނާއި ސިޔާސީ މަސައްކަތް އިތުރަށް ކުރައްވާނަންތޯ 'ދައުރު'ން ސުވާލުކުރުމުން ގާސިމް ވިދާޅުވީ، ވޯޓު މަދުވީ ތާއީދު ނެތުމުން ކަމަށެވެ.
"ތާއީދު ނެތީމަ. އެ ކަހަލަ ވިޔާނުދާ ސަރުކާރުތައް ގެންނަން މަ މަސައްކަތް ކޮށްދޭތީ. ކީއްކުރަންތޯ މަގޭ އިއްޒަތުއް ނަފްސު ނަގާލަން، މި ކަހަލަ ވިޔާނުދާ ސަރުކާރު ގެންނަން ކޮރަޕްޝަން، ރައްޔިތުންނަށް ހިޔާނާތްތެރިވާ މީހުން ވެރިކަމަށް ގެންނަން މަސައްކަތް ކުރުމުގެ ބޭނުމަކީ؟،" ގާސިމް ވިދާޅުވި އެވެ.
އެކަމަކު، "ފުރާނަ ހުރިހާ ހިނދަކު" ސިޔާސީ މަސައްކަތުން ދުރަށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް ގާސިމް ދެއްވި އެވެ. 
އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނުހެދުމަށް ނިންމި ސަބަބާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ، އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ނިންމެވީ، ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ ވެސް ޖޭޕީގެ ތާއީދު އޮވެގެން އިންތިހާބުވެވަޑައިގެންނެވި ބޭފުޅެއް ކަމަށް އާންމުން ބުނުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީ ކަމަށެވެ. އެގޮތަށް ކަންކަން ކުރުމުން ރައްޔިތުންގެ ތާއީދު ޖޭޕީއަށް ކުޑަވިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ސިޔާސީ މައިދާނުގައި ދެން "މާ ބޮޑު މީހަކަށް" ހެދިގެން އުޅެން ބޭނުން ނުވާ ކަމަށެވެ.
"މި ހިނދަށް އަޅުގަނޑު މާ ރެލެވެންޓް މީހެއް ކަމަކަށް ވެސް ނުދެކެން. އެއީ އަޅުގަނޑަށް އުމަރު ނަސީރަށް ވުރެ ދަށުން ވޯޓު ލިބިގެން އައިމާ، މާ ރެލެވެންޓް މީހަކަށް ހެދިގެން، މާ ބޮޑު މީހަކަށް ހެދިގެން އުޅޭކަށް ވެސް ބޭނުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
"އެހެން އެ ވީ، ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި ވިޔާނުދާ ކަންކަމުގެ ސަބަބުން. އެ ބްލޭމް އަޅުގަނޑުގެ ބޮލުގައި އެޅެނީ."
އެނގުން މުހިންމު - ޕީޕީއެމް އިން 2013 ވަނަ އަހަރު އިންތިހާބު ކާމިޔާބު ކުރިއިރު ވެސް ގާސިމަކީ ކޯލިޝަންގެ ބައިވެރި އެކެވެ. އަދި ޖެހިގެން އައި 2018 ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ ވެސް ޖޭޕީ ހިމެނޭ ކޯލިޝަނަކުންނެވެ.
މިފަހަރުގެ އިންތިހާބުގައި ވަކިން ވާދަކުރައްވަން ނިންމަވައި ކެމްޕެއިން ކުރައްވަމުން ގެންދެވި އިރު ވެސް ގާސިމް ތަކުރާރު ކުރެއްވި އެއް ވާހަކަ އަކީ، އެމްޑީޕީ އާއި ޕީޕީއެމްއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވިފައިވާތީ ހިތާމަ ކުރައްވާ ކަމަށާއި، ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމަށް ފަހު ޖޭޕީ ނިކަމެތިކޮށް ބާކީ ކޮށްލާ ކަމަށެވެ.
އިތުރަށް ކިޔާލަން - ބޭނުންހާ ގޮތަކަށް ކަން ކުރީމާ ކޯލިޝަނެއް ނުހެދޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ