ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރި މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި އެވެ.
ޝިފާއު، 37، އަކީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާން ކުރި މީހެކެވެ. ވަގު ޓީޓީ ބޭނުން ކޮށްގެން ރާއްޖެއަށް މޭވާ އާއި ތަކުރާރީ އެތެރެކުރި މައްސަލާގައި އޭނާ ހައްޔަރު ކުރީ 28 އޭޕްރިލް 2023ގަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، ވަގު ޓީޓީގެ މައްސަލައިގައި 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނެ އެވެ.
ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް 27 މެއި 2023 ގައި ކޯޓަށް ހާޒިރު ކުރުމުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލި އެވެ. ދޫކޮށްލުމާ އެކު ޝިފާއު ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ.
ކޯޓުން ޝިފާއު ދޫކޮށްލި އިރު، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޮތީ އޭނާގެ މައްޗަށް 38 އަހަރު ދުވަހު (އުމުރު ދުވަހުގެ)ގެ ޖަލު ހުކުމެއް އަންނަ ވަރުގެ ދައުވާތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއަކާއި މަނީ ލޯންޑަރިންގެ ކުށުގެ ހަތް ދައުވާއެކެވެ.
އަދި ވަގު ޓީޓީގެ މައްސަލައިގައި ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ޕީޖީން އެދުނެވެ.
ކޯޓުން ޝިފާއު ދޫކޮށްލަން ކުރި އަމުރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އޮތީ އިސްތިއުނާފުވެސް ކޮށްފަ އެވެ.
ނަމަވެސް އޭނާ ރާއްޖޭން ބޭރަށް ގޮސްފައިވާ ކަން އެނގިފައިވާ ކަމަށް އެ އޮފީހުން ހައިކޯޓަށް މިއަދު އެންގުމުން ހައިކޯޓުން ވަނީ ރާއްޖޭން ބޭރުގައި ޝިފާއު ދިރިއުޅޭ އެޑްރެސް ޕީޖީ އޮފީހަށް ނޭނގޭތީ، އެ އެޑްރެސް ސާފުކުރުމަށް ފަހު މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް ހުކުމްކޮށްފަ އެވެ.
ވަގު ޓީޓީން ވިޔަފާރި ކުރި މައްސަލާގައި ކޯޓުން ދޫކޮށްލި ޝިފާއު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ