ދަ ޑިމޮކްރެޓްސްއާއެކު އެމްޑީޕީން "ލާދީނީ ޓެގް" ވެސް ނެއްޓިއްޖެ: މެމްބަރު ސަނީފް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބައެއް މެމްބަރުން، އެ ޕާޓީން ވަކިވެ އައު ޕާޓީއެއް އުފެއްދުމާއެކު، "އެމްޑީޕީގެ ބޮލުގައި ޒަމާނުއްސުރެ އެޅިފައި އޮތް ލާދީނީ ޓެގު" މިހާރު ނެއްޓިއްޖެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
މެމްބަރު ސަނީފް މިފަދައިން ވިދާޅުވީ، ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެމްބަރު ސަނީފް ވަނީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށާއި، އެމްޑީޕީން ވަކިވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެމްބަރުންނަކީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް، ގައްދޫ ދާއިރާގެ މެމްބަރ އަހްމަދު ޒާހިރު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި، މީގެކުރިން މި 12 މެމްބަރުން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވިއިރު ވެސް، ޒުވާބުކޮށް، ފާޑުކިޔާ ސަބަބު ހާމަކުރައްވަމުން މެމްބަރު ސަނީފް ވިދާޅުވީ، ސަރުކާރުގެ މަގާމުތަކާއި، އެކި ޕްރޮޖެކްޓުތައް ވަކި ބަޔަކަށް ނުލިބޭތީ ނުވަތަ ލިބޭ މިންވަރު ކުޑަވުމުން ސަރުކާރު ގޯސްކުރާ ކަމަށެވެ.
ސަރުކާރުން ވަކި ބަޔަކަށް ޕްރޮޖެކްޓުތައް ނުދޭ ކަމަށާއި، ސަރުކާރާ ދެކޮޅުވިޔަސް، އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓާ ދެކޮޅަށް ނުކުންނަ ފަރާތްތަކަށް ވެސް ޕްރޮޖެކްޓުތަކާއި މަގާމުތައް ލިބެނީ، އޮންނަ އުސޫލުތަކުގެ ތެރެއިން ސަރުކާރުން މަސައްކަތްކުރާތީކަން މެމްބަރު ސަނީފް ފާހަގަކުރެއްވިއެވެ.
ވަކި މަގްސަދެއް ހާސިލްކުރަން އެމްޑީޕީގައި މީގެކުރިން މަސައްކަތްކުރި "ރައީސް ނަޝީދު ފެކްޝަނުގެ" މެމްބަރުން އުޅެން ފެށުމުން، ދެންތިބި މީހުން ވެސް މަޑުން ނުތިބޭނެކަމަށާއި، އެ މެމްބަރުން ޕާޓީ ދޫކޮށް ދިއުމުން، ޒަމާނުއްސުރެ އެމްޑީޕީގެ ބޮލުގައި އެޅިފައި އޮތް "ލާދީނީ ޓެގު" މިހާރު ނެއްޓިއްޖެކަމަށް މެމްބަރު ސަނީފް ވިދާޅުވިއެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި އެމްޑީޕީއާ ގުޅޭނެ މެމްބަރުންގެ އަދަދު އިތުރުވާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ސަނީފް ވިދާޅުވިއެވެ. އަދި އެ ޓެގު އެޅުވިފައި އޮތުމަކީ އިންތިހާއަށް އެމްޑީޕީގެ މެމްބަރުން ކަންބޮޑުވިކަމެއްކަން ސަނީފް ހާމަކުރެއްވިއެވެ.
މެމްބަރު ސަނީފް ވިދާޅުވީ، އޭރު އެމްޑީޕީން ވަކިނުވެ ތިބި ނަމަވެސް، ވަކި ނުވެ އެ މެމްބަރުން ތިބީ ހަމައެކަނި ނަމުގައި ކަމަށެވެ. އަދި މަސައްކަތްކުރީ އެމްޑީޕީއާއި ސަރުކާރާ ދެކޮޅަށްކަން ސަނީފް ހާމަކުރެއްވިއެވެ.
މީގެއިތުރުން ވެސް، ރިޔާސަތުގައި އިންނަވައިގެންނާއި، މީސްމީޑިއާގެ އެކި މަންސަތަކުގައި ރައީސް ނަޝީދު، އިސްލާމްދީނާ ދެކޮޅު ވާހަކަތަކަށް ހިތްވަރުލިބޭ މޭރުމުން ވާހަކަދައްކާކަމަށް މެމްބަރު ސަނީފް ތުހުމަތުކުރެއްވިއެވެ. ސިއްރިއްޔާތުގައިއާއި، ފާޅުގައި ވެސް އެފަދަ ވާހަކަތައް ދެއްކެވުމުގެ ސަބަބުން، ރައްޔިތުންގެ ހިތުގައި ރައީސް ނަޝީދާއި، އެމްޑީޕީއަށް އޮތް ލޯބި ފަނޑުވިކަމަށް ސަނީފް ވިދާޅުވިއެވެ. ހާއްސަކޮށް، ވަކި މީހަކު ނުވަތަ ވަކި ބަޔަކު ދީނާ ހިލާފު ކަމެއްކުރި ނަމަވެސް، އެ މީހެއްގެ ދިފާއުގައި ރައީސް ނަޝީދާއި އެ ފެކްޝަނުގެ ބައެއް މެމްބަރުން އަޑުއުފުލިކަން މެމްބަރު ސަނީފް ފާހަގަކުރެއްވިއެވެ.
މެމްބަރު ސަނީފް މިފަދައިން ވިދާޅުވިއިރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮށްކޯފުޅު، ނާޒިމް ސައްތާރު ހައްޔަރުކުރުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ސަރުކާރަށާއި ރައީސް ޞާލިޙަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އެ މައްސަލައިގައި ނާޒިމް ސައްތާރުގެ މައްޗަށް ކުށް ސާބިތުވެ، ގޭ ބަންދު ކުރުމަށް ވެސް ހުކުމްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ