ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު ސަސްޕެންޑް ކުރަން ނިންމައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަޒީފާއިން ސަސްޕެންޑުކުރަން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
މިކަން ހާމަކޮށް ޖޭއެސްސީން ބުނީ، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތިން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސްގާޒީގެ ހައިސިއްޔަތުން ގާޒީ ހަސަން ސަޢީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރަރ އަށް ލަފާދީފައިވީނަމަވެސް ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާމެދު ގޮތެއް ނިންމުމުގެ ޤާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާރ އަށް ކަމަށެވެ.
ކައިވެނިތައް ކޮށްދިނުމާމެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާރ ކަމަށް އެކަނިވާއިރު، ހަސަން ސައީދު ދީފައިވާ ލަފާގެ ސަބަބުން ގާނޫނާ ގަވާއިދާ އަދި ފެމެލީ ކޯޓުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކައިވެންޏެއްކޮށްދިނުމަށް މަގުފަހިވެފައިވާކަން އެ ކޮމިޝަނުން ކުރި ތަހުގީގުން ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ، ޙަސަން ސަޢީދުގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށްކޮށްފައިވާ ކަމެއްކަމުގައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ސަސްޕއެންޑު ކުރުމަށް ނިންމާފައެވެ.
ހަސަން ސައީދު ސަސްޕެންޑުކުރުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ. ޖޭއެސްސީން މިހެން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 13 ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ