ފުލުހުން ހޯދާ މީހަކު ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރަށް

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނު ކޮށްފައިވާ ސ. މަރަދޫ، ރަށްދެބައިގެ، 25، އިބްރާހީމް ފައިޙު ނިޒާމް ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ރޭ ފަސް މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ މައްސަލައިގައި ފަސް މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މާލޭ ސަރަހައްދުން ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ފައިޚު ނިޒާމް، ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރި މަސައްކަތުން އޭނާ ހޯދިފައިނުވާ ކަމަށެވެ. ފުލުހުންގެ ހޯދަމުން އަންނަ ސ. މަރަދޫ، ރަށްދެބައިގެ، 25، އިބްރާހީމް ފައިޙު -- (ފޮޓޯ/ފުލުހުން) އޭނާ ފެނިއްޖެ ނަމަ ނުވަތަ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ހުރި ނަމަ 9911099 ނުވަތަ ހޮޓްލައިން ނަންބަރު 3322111އަށް ގުޅާ އެ މައުލޫމާތު ހިއްސާކޮށްދޭން ރައްޔިތުންގެ ކިބައިން ފުލުހުން އެދިފައިވެއެވެ. މި ފަހަކަށް އައިސް މާލޭ ސަރަހައްދުގައި ހިންގާ ސިލްސިލާ މާރާމާރީތަކުގެ އަދަދު އިތުރުވަމުން އަންނައިރު އެފަދަ މާރާމާރީގައި ތޫނު ހަތިޔާރު ބޭނުންކުރުން ހުރީ ކަންބޮޑުވާންޖެހޭ މިންވަރުގައެވެ. ދާދި ފަހުން ވަނީ މާލޭގެ ފިހާރައެއް ތެރޭގައި ވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ