އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރި ހޮސްޕިޓަލުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކަށް ދީފި

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޗައިނާ އާއި އެކު އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަދި މި މަސައްކަތާއި އެކު ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މުހިންމު 4 އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާއި ދެމެދު ސޮއި ކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރާއްޖޭގެ 4 ރަށެއްގައި އަޅާ ރީޖަނަލް ހޮސްޕިޓަލްތައް އެޅުމުގެ ފީސިބިލިޓީ ޕްލޭން ހެދުމަށް ރާއްޖެއާއި ޗައިނާއާއި ދެމެދު އެސްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިއަދު ހެނދުނެވެ. ރީޖަނަލް ފެންވަރުގެ ހަތަރު ހޮސްޕިޓަލް ޤާއިމުކުރުމަށް ކަނޑައަޅާފައިވަނީ ހއ. ދިއްދޫ، ރ. އަލިފުށި، ދ. ކުޑަހުވަދޫ އަދި ގއ. ވިލިގިލީގަ އެވެ.
އެންމެ ފުރަތަމަ މި މަސައްކަތް ކުރުމަށް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އަށެވެ. އެއީ މިދިޔަ އަހަރުގެ މެއި 30 ގަ އެވެ.
އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ހިންގަން ނިންމި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސް ކުރާތީ އެކަމަށް ކޮންޓްރެކްޓަރު ވެސް ހޯދީ އެ ބޭންކުންނެވެ.
ޗައިނާ ސަރުކާރާ ފޮރިން މިނިސްޓްރީ އާއި ދެމެދު ވެވުނު އެއްބަސްވުން، ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޕްލޭން 2023 - 2025 ގައި ރާއްޖެއިން ސޮއި ކުރެއްވީ ފޮރިން ސެކެއްޓްރީ އަހުމަދު ލަތީފް އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަން، ދުން ބޯޖިންގ އެވެ.
ފީސިބިލިޓީ ސްޓަޓީސް އޮފް ދަ ހޮސްޕިޓަލް ޕްރޮޖެކްޓްސްގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް އެވެ.
ޤައުމީ ދާރުލްއާސާރު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީ އޮފް އާޓްސް، ހެރިޓޭޖް އެންޑް ކަލްޗަރގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގެވެ.
ޗައިނާ މޯލްޑިވްސް ބްރިޖް މެއިންޓަނަސް މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު އާއި ޗައިނާގެ އެމްބެސެޑަރ ވަން ލީ ޒިންގެ ހާޒިރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ