މަޖިލީހުގެ ޖަލްސާ ފެށީ މެމްބަރު ރިޒާގެ ހަނދާނުގައި ގެނައި ސުކޫތަކާއެކު

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން، މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އަވަހާރަވި، މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ސުކޫތެއް ގެނެސްފިއެވެ. މިއަދުގެ ޖަލްސާގައި މެމްބަރު ރިޒާގެ ހަނދާނުގައި ސުކޫތެއް ގެނަސްފައިވާއިރު، އޭނާގެ ތައުޒިޔާގެ ދަފްތަރު، މިއަދުން ފެށިގެން ތިން ދުވަސް ވަންދެން މަޖިލީހުގެ އިދާރާގައި އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. ރިޒާ ވަނީ މެދުނުކެނޑި 13 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރިޒާއަކީ ގާނޫނީ ވަކީލެކެވެ. ދެހާސް ނުވަ ވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ އަމިއްލަގޮތުންނެވެ. އެއަށްފަހު ޕީޕީއެމް އުފެދުމުން އެ ޕާޓީއާ ގުޅިވަޑައިގަތެވެ. ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ