ނަޝީދުގެ މަންދޫބުން ވެސް ގާސިމް އަރިހަށް: ވިދާޅުވީ މަޝްވަރާތައް ރަނގަޅު ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ދެ ބޭފުޅަކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ. މިދިޔަ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި، ނަޝީދު ގެންދަވަނީ އެ ޕާޓީގެ ތެރޭގައި ވަކި ހަރަކާތެއް ހިންގަން މަސައްކަތް ކުރައްވަމުންނެވެ. އަދި، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ކަން މިހެން އޮއްވާ ރޭ ސަން އައިލެންޑުގައި އެ މަނިކުފާނުގެ ފަރާތުން ދެ ބޭފުޅަކު ވަނީ ގާސިމާ ބައްދަލުކުރައްވައިފައެވެ. ނަޝީދުގެ ފަރާތުން ސަން އައިލެންޑްގައި ގާސިމާ ބައްދަލުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅުގެ ކުރީގެ މެންބަރު މުހައްމަދު ރަޝާދު ހުސައިނާއި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމެވެ. އެނގިފައިވާ ގޮތުގައި އެ ބޭފުޅުން ގާސިމާ ބައްދަލުކުރެއްވީ ސިޔާސީ މަޝްވަރާއެއް ކުރެއްވުމަށެވެ. އެކަމަކު، އެ މަޝްވަރާތަކާ ގުޅޭ އިތުރު ތަފުސީލެއް ދެއްވައިފައެއް ނުވެއެވެ. ނަޝީދުގެ 'ފިކުރެއްގެ ދިރުން' ގޮފީގައި މަސައްކަތް ކުރައްވާ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން "ސަން"އަށް ވިދާޅުވީ މި ބައްދަލުވުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް، މި ވަގުތު ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަޝީދުގެ ފަރާތުން ގާސިމާ ބައްދަލުކުރައްވާފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ރައީސް ޞާލިހްގެ ފަރާތުން ވެސް ދެ ބޭފުޅުން ވަނީ ގާސިމާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމާ ގުޅޭ ތަފުސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. https://sun.mv/174227 ޕްރައިމަރީގެ ނާކާމިޔާބަށް ފަހު ނަޝީދު ގެންދަވަނީ އެ މަނިކުފާނުގެ 'ފިކުރެއްގެ ދިރުން' ގޮތްޕަށް ތާއީދު ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ މަނިކުފާނުގެ ވިސްނުންފުޅަކީ އެ ގޮތްޕަށް 50،000 މެންބަރުން ހަމަކޮށް، އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ހިންގުމެވެ. އެ ގޮފީގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ތާއީދު ކުރާނެ ކެންޑިޑޭޓެއް ނިންމާނީ އެއަށް ފަހުގައި ކަމަށް އެ މަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެ ހަރަކާތުގެ ފަރާތުން ގާސިމާ ބައްދަލުކުރައްވައިފައިވާއިރު، 2008ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދު ވެރިކަމަށް ވަޑައިގެންފައިވަނީ ވެސް ގާސިމް ހިމެނޭ ކޯލިޝަނެއްގެ ތެރެއިންނެވެ. އެކަމަކު، އެ ފަހަރު އެ މަނިކުފާނު ވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ކޯލިޝަން ރޫޅާލައްވައިފައެވެ. މިދިޔަ މަހު އޮތް ޕްރައިމަރީގައި ވެސް އެ މަނިކުފާނު ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއް ހެދުމާ ތަކުރާރުކޮށް ދެކޮޅު ހައްދަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ