ކަނޑު ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުން ބާއްވާ މުޒާހަރާއި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރިނުވުމަށް އެދުނު ސަބަބު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި މައްސަލައިގައި އިދިކޮޅު ޕާޓީތައް އެކުވެގެން އެކުލަވާލާފައިވާ އިއްތިހާދުން ބާއްވާ އެއްވުމުގައި ބައިވެރިވެގެން ނަތީޖާއެއް ނުނެރެވޭނެތީ އެ އެއްވުމުގައި ބައިވެރި ނުވުމަށް ގާސިމް ވަނީ ގޮވާލައްވާފައެވެ. އެކަމާއި ގުޅިގެން މިއަދު ވީޓީވީ އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ، އެހެން އެދިވަޑައިގެން ސަބަބު އޮޅުންފިލުއްވައިދެއްވާފައެވެ.
ޤާސިމް ވަނީ އިއްތިހާދުން ބާއްވާ އެއްވުމަށް ޖުމްހޫރީ ޕާޓީގެ މެމްބަރުން ދާން ނުޖެހޭ ސަބަބުތައްވެސް ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައެވެ.
ގާސިމް ވަނީ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވީ ގާނޫނަކުން ހުއްދަދީފައި ނުވަނީސްކަމުގައި ވިދާޅުވެ އެގޮތައް އެކަން ނުކުރެއްވޭނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސްގެ އެ އަމަލަކީ ގާނޫނު އަސާސީއާއި ހިލާފު އަމަލެއްކަމަށް ގަބޫލްކުރައްވާކަމަށް ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އެއްވުމުގެ މަގުސަދަކީ ރައީސް ޞާލިހު މަޤާމުން ވަކި ކުރުންކަމުގައި ވާނަމަ އެކަން ނުކުރެއްވޭނެކަމަށެވެ. އަދި ރައީސް މަޤާމުން ވަކި ކުރެވޭނެ ހަމައެކަނި ގޮތަކީ ގާނޫނުއަސާސީގެ ހަމަތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އިއްތިހާދުން ބާއްވާ އެއްވުމަށް ޖުމްހޫރީ ޕާޓީގެ މެމްބަރުން ނުދާން އެދިވަޑައިގެންނެވީ، މި އެއްވުމުން ފައިދާހުރި ނަތީޖާއެއް ނެރެވޭނެކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާތީކަމަށެވެ. އަދި އެއްވުމުގައި ބައިވެރިވެގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ ނުއުފެއްދުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ ހަމައެކަނި ގޮތަކީ ބައިނަލްއަގްވާމީ ފަރާތްތަކާއި ކަމުގެ މާހިރުންނާއި އެކު ވާހަކަދައްކައިގެންކަމަށް ގާސިމް ވިދާޅުވިއެެވެ.
ގާސިމް ވަނީ އެއްވުމުގައި ބައިވެރިވެ ނަތީޖާއެއް ނުރެވި ފިތުނަފަސާދަ އުފެދުމުން ހުރިހާ އެންމެންވެސް ތުހުމަތުގެ އިނގިލި ދިއްކުރާނީ އެމަނިކުފާނަށް ކަމުގައި ވިދާޅުވެ މާޒީގައި ހިނގާފައިވާ މިފަދަ ހާދިސާތަކަށްވެސް އަލިއަޅުވާލައްވާފައެވެ.
އިޓްލޮސް މައްސަލައިގައި ނަތީޖާނެރެވޭނީ ބައިނަލްއަގްވާމީ ފަރާތްތަކާއިއެކު ވާހަކަދައްކައިގެންކަމަށާއި އެއްވުން ބާއްވައިގެންނޫންކަމަށް ގާސިމް އިބްރާހިމް ވިދާޅުވެފައިވާއިރު، ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ.
އެކަމަކު އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ ސިޓީ ހާމަކުރުމަށް، ސިޔާސީ ފަރާތްތަކުންނާއި، ގިނަ އަދަދެއްގެ އާންމުން އަންނަނީ ގޮޮވާލަމުންނެވެ.
އިޓްލޮސް މައްސަލައިގައި ނަތީޖާނެރެވޭނީ ވާހަކަދައްކައިގެން، އެއްވުން ބާއްވައިގެނެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ