ކުޅުދުއްފުށި ހޮސްޕިޓަލް ހިންގަން ހަވާލުކުރި އިންޑިއާގެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 29 މިލިއަން!

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް 2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރި އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ އެކު ސޮއިކުރި އެއްބަސްވުން އުވައިލުމާ ގުޅިގެން އެ ކުންފުންޏަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދޭން ޖެހުނު ކަން އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
އެންއައިއައި އިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގި މުއްދަތުގައި ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގު ހޯދުމަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކާ ގުޅޭ އެސެސްމަންޓް ރިޕޯޓުގައިވާ ގޮތުން، އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ (އެންއައިއައި) އާ ކުޅުދުއްފުށި ހޮސްޕިޓަލް ހިންގަން 50 އަހަރަށް ހަވާލުކުރި އެއްބަސްވުން ބާތިލު ކުރީ މި ސަރުކާރުގައި އޮކްޓޫބަރު 27 2019 ވަނަ އަހަރު އެވެ.
އެ އަހަރުގެ ނޮވެންބަރު މަހާއި ޑިސެމްބަރު މަހު އެ ފައިސާ ފިނޭންސް މިނިސްޓްރީން އެންއައިއައި އަށް ވަނީ ދީފަ އެވެ.
އެއްބަސްވުން އުވާލީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދި، އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ހިންގޭ ގޮތް ނުވުމުންނެވެ.
އޮޑިޓަ ޖެނެރަލް އޮފީހުގެ އެސެސްމެންޓް ރިޕޯޓުގައި ދެން ފާހަގަކޮށްފައިވާ ގޮތުގައި އެންއައިއައި އިން ކުޅުދުއްފުށި ހޮސްޕިޓަލް ހިންގި ދުވަސްވަރު އެކި ފަރާތްތަކުން 157 ބިލެއް ފޮނުވާފައި ވެ އެވެ. އެ ބިލްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 1.9 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާ 127 ބިލަކަށް ދައްކާފައެއް ނުވެ އެވެ.
އޮޑިޓް އޮފީހުން ބުނިގޮތުގައި އެންއައިއައި އާއި ދިވެހި ސަރުކާރާ ދެމެދު ސެޓުލްމެންޓް އެގްރީމެންޓް ހެދި އިރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާ ދެއްކުމާ ގުޅޭ ގޮތުން ވަކި ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި އެ ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ޒިންމާއެއް އެންއައިއައިގެ މަތިން ކެނޑިފައިވާތީ، ބިލްތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ޖެހޭނީ ހެލްތް މިނިސްޓްރީ އަށް ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ކުރިމަގުގައި މިފަދަ ސެޓުލްމެންޓް އެގްރީމެންޓްތައް ހަދާ އިރު އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބިލްތައް ހުރިތޯ ބަލާއި އެ ބިލްތަކަށް ފައިސާ ދައްކަންޖެހޭ ފަރާތް ބަޔާންކޮށް، އަމަލު ކުރާނެ ގޮތް ސާފުކޮށް، އެގްރީމެންޓްގައި އޮންނަން ޖެހޭނެ ކަމަށެވެ. އެ ބިލްތަކަށް ދައުލަތުން ފައިސާ ދައްކާ އިރު، ބިލްތަކުގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ ކުޅުދުއްފުށި ހޮސްޕިޓަލާއި ލިބިފައިވާ މުދަލާއި ހިދުމަތްތަކެއް ކަން ކަށަވަރު ކުރުމަށް ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ