ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ޖަލަށްލި މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެކަމުގެ ބަދަލު ހޯދަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާ ކަމަށް ބުނެ ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމާ އެކު، އޭނާގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލުނެވެ.
އެކަމަކު އެ ހުކުމް ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުއްވުމުން 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، އޭނާ މިނިވަންކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން ބަދަލު ހޯދަން ނާޒިމް ސިވިލް ކޯޓަށް ހުށަހެޅުއްވީ އެ ހުކުމުގެ ސަބަބުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާތީ މެމްބަރުކަމުގެ މުސާރައާއި އިނާޔަތްތައް ހޯދުމަށާ އަދި ލިބުނު އެހެން ގެއްލުންތަކަށް ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށެވެ.
އެ މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައިކޯޓުން ކުރި ހުކުމުގައި ވަނީ ގާނޫނާ ޚިލާފަށް މީހަކު ބަންދު ކުރުމުން އެކަމުގެ ބަދަލު ލިބިދެވޭނެ ކަމަށް ގާނޫނުއަސާސީއާއި ބޭރުގެ މުއާހަދާތަކުގައި ބަޔާންކޮށްފައި ވިޔަސް، އިސްތިއުނާފީ ކޯޓަކުން ކުރީގެ ހުކުމެއް ބަދަލު ކުރުމަކީ ބަދަލު ދޭންޖެހޭ ކަމެއް ނޫން ކަމަށެވެ.
އަދި ނާޒިމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ފަހުން ބާތިލްކުރީ އިޖްރާއީ ނުކުތާއެއްގެ މައްޗަށް ކަމަށްވާތީ އެއީ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަޅުއްވަމުން ނާޒިމުގެ ވަކީލު މަރިޔަމް ސުނާނާ ވިދާޅުވީ، އެ މައްސަލަ ބޭރުކޮށްލުމަށް ސިވިލް ކޯޓުން ނިންމީ ގާނޫނީ މާއްދަތަކާ ހަވާލާ ނުދީ ކަމަށެވެ. އަދި އެ ދައުވާ ހުށަހެޅުމުގެ ހައްގު ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ނިންމާފައި ވަނީ، މައްސަލަ ހުށަހެޅި ފަރާތުގެ ޣައިރު ހާޒިރުގައި ކަމަށާއި ދިފާއުތަކާ ގުޅޭ ގޮތުން ދައުވާ ހުށަހެޅި ފަރާތުގެ ބަހެއް ނެތި ކަމަށްވެސް ވިދާޅުވި އެވެ.
ހަމަ އެގޮތަށް ހައިކޯޓަށްވެސް މައްސަަލަ ނިންމާފައިވަނީ ގޯސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސުނާނާ ވިދާޅުވީ، ސަބްސްޓެންސިވް ދިފާއުގެ މައްޗަށް މައްސަލައެއް ނިމިގެން ދިޔައިރުގައި ދަށު ކޯޓުގައި ޝަރީއަތެއް ނުހިނގާ ކަމަށާއި އެހެންކަމުން އެ މައްސަލަ ފުރަތަމަ ހިންގަންޖެހޭނީ ދަށު ކޯޓުގައި ކަމަށެވެ. އަދި މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހޭނީ މައުލޫއީ ގޮތުން ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް މައްސަލަ މިހާ ހިސާބަށް އައިސްފައި ވަނީ، ދައުލަތް ހާޒިރުކޮށް ދަށު ކޯޓުގައި ޖަވާބުދާރީ ކުރުވުމެއް ނެތި ކަމުން މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އެދިފައިވަނީ މައުލޫއީގޮތުން މި މައްސަލަ ބެލޭނެ ގޮތަކަށް މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކޮށްދިނުމަށް ކަމަށް ސުނާނާ ވިދާޅުވި އެވެ.
ޖަލު ހުކުމާއެކު ގޮނޑި ގެއްލުމުން މުސާރައާއި އިނާޔަތް ހޯދަން ނާޒިމް ސުޕްރީމް ކޯޓަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ