ޕާޓީން ވަކި ކޮށްފި ނަމަ ރިކޯލް ވޯޓަކަށް!

ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި އެވެ.މީގެ ކުރިން ގާނޫނަކަށްވެ، ނަމަވެސް ފަހުން އުވާލާފައިވާ އެންޓި-ޑިފެކްޝަން ގާނޫނު ވުޖޫދުކުރަން ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައި ވަނީ ބަދަލުތަކަކާ އެކީ އެވެ.އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ މި ބިލު ހުށަހެޅީ ވަރަށް ބުރަ މަސައްކަތުން ވަކި ޕާޓީއަކުން އިންތިހާބު ކުރާ މެމްބަރަކު އެހެން ޕާޓީތަކަށް ބަދަލުވާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ބިލު މަޖިލީހުގެ ތަޅުމަށް ގެނެވިފައި ނުވަނީ މަޖިލީހުގެ އިދާރާ އިން އެ ފުރުސަތު އަދި ފަހިކޮށްދީފައި ނުވާތީ ކަމަށް ބިގޭ ވިދާޅުވި އެވެ.މި ބިލުގައި ހިމެނޭ ބައެއް ކަންކަމުގެ ތަފްސީލުތައް ހާމަކުރައްވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ މެމްބަރަކު އިންތިހާބުވާ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ މެމްބަރު ކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި މެމްބަރަކު ވަކިކުރަން ޕާޓީން ނިންމާ ހާލަތުގައި އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރު ނިސްބަތްވާ ދާއިރާއެއްގެ ރައްޔިތުންގެ ކައިރީގައި އެ މެމްބަރު އިތުރަށް އެ ގޮނޑީގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ވޯޓެއް ނަގަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.ހިސާން ވިދާޅުވީ މިހާރު ބިލު ފަރުމާ ކުރެވިފައި ވާނީ ސިޔާސީ ޕާޓީތަކުގެ މައްޗަށް މެމްބަރުންގެ ފުލް ކޮންޓްރޯލް ނޯންނަ ގޮތަށް އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލުތަކެއް ގެނެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.މި ބިލު މަޖިލީހުގެ ތަޅުމަށް ގެނައުމުގައި އިދާރީތަކެއް ހުރިކަން ފާހަގަކުރައްވަމުން ހިސާން ވަނީ އެ ކަންކަން ހައްލުކުރަން މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ލީޑަޝިޕުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ."ސިޔާސީ ޕާޓީތަކުގެ މެއްޗަށް މެންބަރުންގެ ފުލް ކޮންޓްރޯލް ނޯންނަ ގޮތަކަށް ނަމަވެސް ރައްޔިތުންގެ މި ކަންބޮޑުވުމަށް ވެސް އަޅުގަނޑުމެންނަށް އެޑްރެސް ކުރެވޭ ގޮތަށް މިހާރު މި ބިލް ފަރުމާ ކުރެވިފައި މި އޮތީ،" ހިސާން ވިދާޅުވި އެވެ.ރައީސް ޔާމީންގެ ވެރިކަމުގައި އެ ބިލު ފާސްކޮށްފައި ވަނީ އަވަސް އަރުވާލައިގެން، އެންމެ ހަ މާއްދާއެއްގެ މައްޗަށެވެ. ނަމަވެސް، ފުރިހަމަ ބިލެއް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ އެޖެންޑާ19 މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. ދައުރު ނިމެން ކައިރި ވެފައި ވަނިކޮށް މި ބިލު މަޖިލީހަށް ހުށަހެޅިއިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ މިހާރު އޮތީ ގެއްލިފަ އެވެ.އެންމެ ފުރަތަމަ 13 މެމްބަރަކު އެޕާޓީން ވަކިވީ ދަ ޑިމޮކްރެޓްސް ޕާޓީއަށް ދިއުމަށެވެ. ފަހުން އިތުރު 13 މެމްބަރުން ދާދި ފަހުން ވަނީ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ