އަމީނަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި

ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ދައުވާލިބޭ މުހައްމަދު އަމީންގެ މައްޗަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އިއްވި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އަމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 27 އަހަރުގެ ޖަލު ހުކުމެއް އިއްވީ 8 ނޮވެމްބަރު 2023 ގައެވެ. އޭނާ ހުކުމް އިސްތިއުނާފުކުރަން ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ.
ދައުލަތުން އަމީންގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ، އެއީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ދެ ގަޒިއްޔާ ވެސް އޭނާ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އަމީންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވުމުން ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވެވިއެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށް ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވަވާފައެވެ. މި މައްސަލަ ކުރިއަށްދިޔައިރު އޭނާ ބަންދުގައި ބަހައްޓާފައި ހުރި 3 އަހަރުގެ ޖަލު ހުކުމުން އުނިކުރުމަށްފަހު ތަންފީޒު ކުރަން ކޯޓުން ކަނޑައެޅުއްވީ 23 އަހަރާއި 11 އަހަރުގެ ޖަލު ހުކުމެކެވެ.
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށްފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019ވަނަ އަހަރުއެވެ.
އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމަނާފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ