ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ދޮގުކުރައްވައިފިއެވެ.
އިއްޔެ ޝައްމާން 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރުމުގެ ކުރިން އޭނާ ވަނީ އެކްސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން އޭނާ ބޯޑަރު ކޮންޓްރޯލު ސިސްޓަމް ބޭރުގެ ބަޔަކަށް ދީ ހިންގި ކޮރަޕްޝަނެއްގެ ވާހަކަ ދެއްކުމުން އޭނާ ފްރޭމްކޮށްފައިވާ ކަމަށް ތުހުމަތުކުރެއްވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި އޭނާ ތަކުރާރުކޮށް ކުރައްވާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް ނެތް އިރު، އޭނާ ހައްދަވަނީ ދޮގުކަމަށް ކުރިންވެސް މީޑިއާގައި ވިދާޅުވެފައިވާނެ ކަމަށެވެ.
ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން އެ މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުކަމަށް އިހުސާން ވިދާޅުވިއެވެ.
އޭގެ އިތުރުން، މައްސަލާގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އިއްޔެ ކްރިމިނަލް ކޯޓުގެ ބޭރުގައި މީޑިއާތަކާ ވާހަކަ ދައްކަވަމުން ޝައްމާން ވިދާޅުވީ، އޭނާގެ މައްޗަށް ތަހުގީގެއް ހިންގައި ޖަލަށް ލާން މަސައްކަތް ފެށީ ވެސް ކޮރަޕްޝަންގެ ވާހަކަތައް ދައްކަން ފެށުމުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ މައި ބޯޑަރު ކޮންޓްރޯލް ސިސްޓަމް މިނިސްޓަރު އިހުސާން ވަނީ ވަކި ބަޔަކަށް ވިއްކާލާފައި ކަމަށާއި އެކަމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ބައިވެރިވުން ވެސް އޮތް ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ. އުޝާމް ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.
ކޮރަޕްޝަންގެ މައުލޫމާތު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެއްވުމުން އެކަމުގައި ”ދެން އިތުރު ބަދަލެއް ނާންނާނެ“ ކަމަށް ރައީސް ވިދާޅުވި ކަމަށާއި، އެކަމާ ގުޅިގެން އިތުރަށް މަސައްކަތް ނުކުރުމަށް އަންގައި އެމަނިކުފާނު އިންޒާރު ދެއްވިކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.
ޝައްމާން ހަދަނީ ދޮގު، ހަގީގަތް ސާފުކޮށްދޭން ފުލުހުން ގާތުގައި އެދެފިން: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ