ދައުލަތުގެ މަޤާމުތަކުގައި ތިއްބަވައި ކޮރަޕްޝަން ހިންގާކަން ސާބިތުވާ މީހުންގެ މައްސަލައިގައި ހިމެނޭ ފައިސާ 1 ބިލިއަން ރުފިޔާއަށްވުރެ އިތުރުނަމަ މަރުގެ އަދަބުދޭން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވަނީ ދައުލަތުގެ މަޤާމުތަކުގައި ތިބެ ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭކަމަށް ބަޔާންކުރައްވައި ދާދި ފަހުން ކްރިމިނަލް ކޯޓުގެ އިސްގާޒީ ކުރެއްވި ޙުކުމަށް އަލިއަޅުވާލައްވާފައެވެ.
މެމްބަރު ވިދާޅުވީ، އެފަދަ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު ބިލިއަން ރުފިޔާއަށްވުރެ މަތިނަމަ، މައްސަލަ ސާބިތުވާ ޙާލަތުގައި މަރުގެ އަދަބު ދޭން ފެނިވަޑައިގަންނަވާ ކަމަށާއި، އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށެވެ. އަދި ވިދާޅުވީ، އޭރުން އެކަމުގެ ގޯސްކަން މީހުންނަށް ވިސްނޭނެ ކަމަށާއި، ބޮޑެތި އަދަބު ދޭން ބިރުގަންނަން ޖެހޭ ސަބަބެއް ހަގީގަތުގައި ނެތް ކަމަށެވެ.
އަޅުގަނޑުގެ އަމިއްލަ ހިޔާލުން ބަލާއިރު، 1 ބިލިއަނުން މައްޗަށް އެ އަދަދު ގޮއްސިއްޔާ އެމީހަކަށް ސާބިތުވަންޏާ މަރުގެ އަދަބުދޭން، އެއީ އަޅުގަނޑަށް ފެންނަ ކަމެއް، އެއީ އޭގެ ސިވިއަރިޓީ ވިސްނުނީމާ ނޫނީ މީހުން އެއާ ދުރުހެލިއެއް ނުވާނެ، ބޮޑެތި އަދަބު ދޭން ހަގީގަތުގައި ބިރުގަންނާނެ ކަމެއް ނެތް އިނގޭތޯ
މީގެ އިތުރުން، ނިޒާމީ ގޮތެއްގައި ޤައުމުތައް ކުރިއަރާފައި ހުރީވެސް ”ބޮލަކަށް ކަނދުރާއަށް ނުބަލައި“ ޤާނޫނޫ ތަންފީޒު ކޮށްގެންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ރާއްޖޭގެ ނިޒާމުވެސް މިހާރަށްވުރެ ހަރުދަނާވާން ޖެހޭ ކަމަށާއި، ރައްޔިތުންވެސް އަމިއްލައަށް ކޮރަޕްޝަނާ ދުރުވާން ޖެހޭކަން ޤަބޫލު ކުރަންވާނެ ކަމަށެވެ. ކޮރަޕްޝަން ފެށޭ ހިސާބުން އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެސެޓް ރިކަވަރީ ޤާނޫނެއް ގެނައުން މުހިއްމުކަމަށް މި ސަރުކާރުން ބުނަމުންދާއިރު، އެކަމަށް އަލިއަޅުވާލައްވާ މެމްބަރު ވިދާޅުވީ، މި ސަރުކާރުން އެކަން ހަގީގަތަކަށް ހަދައި ނަތީޖާ ނެރެދޭނެކަމަށް އޭނާ ޔަޤީން ކުރައްވާ ކަމަށެވެ. އެގޮތުން ރަނގަޅު ހެޔޮ ނިޔަތުގައި ކަންކުރަން ބޭނުންވާނަމަ އެކަންކަން ކުރެވޭނެ ކަމަށާއި، މިއަދުގެ ރައީސްވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމަގުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލުގެ ކަންކަން މަޖިލީހުން ނިންމަވައި، ތަސްދީޤުކުރައްވަން ފޮނުވާ ދުވަހު އެބިލު ތަސްދީޤުކުރައްވާނެކަމަށާއި، ބިލު ޤާނޫނަކަށް ވާ ދުވަހުން ފަށައިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ، މިދިޔަ ދުވަސްތަކުގައި ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މަޤާމުތަކުގައި ތިބެ ކުރާ ވައްކަން ބިލިއަން ރުފިޔާއަށްވުރެ ބޮޑުނަމަ މަރުގެ އަދަބުދޭން ފެނޭ: މެމްބަރު އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ