ކުށްވެރިން އަބަދުވެސް އައު ގޮތްތަކެއް ހޯދާ، ޒަމާނާ އެއްގޮތަށް ގާނޫތަކަށް ބަދަލު އަންނަން ޖެހޭ: މަމްދޫހު

ކުށް ކުރުމުގެ ވައްޓަފާޅިއަށް ބަލައި، ގާނޫނުތަކަށް ބޭނުންވާ އިސްލާހުތައް ޒަމާނާއި އެއްގޮތަށް އަބަދުވެސް ގެންނަން ޖެހޭކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަބަދުވެސް ދެކެވޭ ވާހަކައަކީ، ކުށްވެރިން ކުށް ކުރުމަށް އެކި އައު ގޮތްތައް ހޯދަމުންދާއިރު ވެސް ގާނޫނީ ގޮތުން އެއްވެސް އިސްލާހުތަކެއް ނުގެނެވޭކަމަށެވެ. އަދި މައްސަލައެއް ތަހުގީގު ކުރުމަށް ބޭނުންވާ ބާރު، ގާނޫނުގެ ދަށުން އިދާރާތަކަށް ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ. މި މައްސަލަތައް ހައްލު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މި ފަހުން މުހިންމު ތިން ގާނޫނަކަށް އިސްލާހު ހުށަހެޅި އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ ޒަމާނާއި އެއްގޮތަށް ގާނޫނުތަކަށް ވެސް ރަނގަޅު ބަދަލުތައް އަންނަން ޖެހޭކަމަށެވެ. އެހެން ނޫނީ ކުށްވެރިން ގާނޫތަކުން ބާގަނޑުތަކެއް ހޯދައި، އެ މީހުން ކުރާ ކުށުގެ އަމަލުތައް ގިނަ ކުރަމުންދާކަން މަމްދޫހު ފާހަގަކުރެއްވި އެވެ.
މަމްދޫހު ވިދާޅުވީ ފަހަކަށް އައިސް ޑިޖިޓަލީ ކުށްތަކަށް އަރައިގަންނަ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވިކަމަށެވެ. އެގޮތުން މި ކުށްތަކަށް އަރައިގަންނަ މީހުންނަށް، މީގެ ކުރިން އޮތީ އެދެވޭ އަދަބެއް ދެވޭ ގޮތަކަށް ނޫންކަމަށް ވާތީ، އެ މައްސަލައެއް ތަހުގީގު ކުރުމުގައި ވެސް ދަތިތައް ދިމާވާކަމަށް މަމްދޫހު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ސްކޭމްގެ މައްސަލަތައް ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، އަބަދުވެސް ފެންނަނީ ގާނޫނީ  ބާގަނޑުގެ ތެރެއިން އެ ބަޔަކު ދޫވެގެން ދާކަމަށެވެ. އެހެން ކަމުން އަލަށް ގެނެވުނު ގާނޫނަކީ މަމްދޫހު ވިދާޅުވި ގޮތުގައި ޒަމާނަށް ފެތޭ ގޮތަށް، ތަހުގީގީ އިދާރާތަކަށް ވެސް މައްސަލަ ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ ބާރުދީ އެކުލަވާލާފައިވާ އޮނިގަނޑެކެވެ.
މީގެއިތުރުން މަސްތުވާތަކެއްޗާއި، ބިދޭސީންގެ މައްސަލަ ފަދަ އިޖްތިމާއީ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް އަމަލީ ގޮތުން އެއްވެސް މަސައްކަތެއްކޮށްފައި ނުވާކަމަށް މަމްދޫހު ވިދާޅުވި އެވެ. މި ސަބަބުތަކާއި ހުރެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރެއްގެ ތެރޭގައި ދައުލަތް ހިންގުން ހިމެނޭހެން އެތައް އިޖްތިމާއީ މައްސަލަތައް ހިމެނޭ ގާނޫނީ އިސްލާހުތައް ގެންނަވާފައިކަން މަމްދޫހު ފާހަގަކުރެއްވި އެވެ.
މަމްދޫހު ވިދާޅުވީ މީގެ ކުރީގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަނީ، ކުޑަ އިސްލާހެއްކަމަށާއި އޭގެ ސަބަބުން ނިކުންނަ ނަތީޖާއެއް ނެތްކަމަށެވެ. މިހާރު ސަރުކާރުން ކުރެވުނު މަސައްކަތުގެ ދަށުން މަސްތުވާތަކެތީގެ ގާނޫނާއި، ގޭންގު ކުށްތަކާއި ބެހޭ ގާނޫނަށް ރަނގަޅު އިސްލާހުތަކެއް ގެނެވޭނެކަމަށް މަމްދޫހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ