ޢީދު ފާހަގަކުރުމަށް އެތައް ބަޔަކު ރަށްރަށަށް

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދަނީ، އަޟްހާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންނެވެ. ޢީދުގެ ކުޅިވަރުތައް ބެލުމަށް މާލެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ރަށްރަށަށް ދާން ފަށާފައެވެ.
އަޟްހާ ޢީދަކީ، މުޅި ރާއްޖޭގައިވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޢީދެކެވެ. ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ޢީދު ފާހަގަކުރުމުގެ ގޮތުން ސަޤާފީ ކުޅިވަރުތަކާއި، ނެށުންތަކާއި، ކޯޑި ކެޑުމާއި، ބޮޑުބެރުގެ ހަރަކާތްތަކާއި، މާލި ނެށުންފަދަ ހަރަކާތްތައް ކުރިއަށްގެންދެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ޢީދު ފާހަގަކުރާ ގޮތާއި، މާލޭގައި ޢީދު ފާހަގަކުރާ ގޮތްވެސް ވަރަށް ތަފާތެވެ. އާންމުކޮށް މާލެއަށްވުރެ ރަށްރަށުގެ ޢީދު ކުޅިވަރުތައް ގިނަވެފައި، ރަށުގެ ކުދި ބޮޑު ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތަކުގައި ބައިވެރިވެއެވެ.
ޢީދާއި ގުޅިގެން ރަށްރަށުގައި ކުރިއަށްގެންދާ ކުޅިވަރުތައް ބެލުމަށް މާލޭގައި ދިރިއުޅޭ ފަރާތްތަކުން ރަށްރަށަށް ދިއުމަކީ، ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.
މިއަހަރުގެ އަޟްހާ ޢީދު ދިމާވަނީ، ހުޅަނގު މޫސުމާއެވެ. މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ސަމާލު ނެރެމުންނެވެ.
މޫސުން ގޯސްވި ނަމަވެސް، ޢީދަށް ރަށްރަށަށް ފުރާ މީހުން ނުހަނު ގިނައެވެ. މިކަން މިދުވަސްވަރު މާލޭގެ ބަނދަރު ސަރަޙައްދަށް ބެލިނަމަވެސް ޔަޤީންވާނެއެވެ.
ގިނަ ބަޔަކު ޢީދަށް ރަށްރަށަށް ފުރާއިރު، މިދުވަސްވަރު މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 3 ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް މޫސުން ރަނގަޅުވާނެ ކަމަށެވެ.
އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން ޢީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ފުރާއިރު، ހުރިހާ ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ