ރައްޔިތުންގެ ޝަކުވާގެ އަޑުނާހާ ނަމަ، އެބައެއްގެ ގެއަށް ގޮސް ވިޔަސް މުޒާހަރާ ކުރަން ޖެހޭ: ފައްޔާޒް

ރައްޔިތުންގެ ޝަކުވާތައް އަޑުނާޙާ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ގެތައް ކައިރިއަށް ގޮސް އިހުތިޖާޖުކޮށް ވިޔަސް އެ ޝަކުވާގެ އަޑު އިއްވަން ޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވަޒީފާއިން ވަކިކޮށް ބިރު ދެއްކުމަކީ ބަލިކަށިވެ ނިކަމެތިވަމުންދާ ސަރުކެރެއްގެ ފަރާތުން ފެންނާނެ ސިފަތައްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އޮތް އެންމެ ފުރަތަމަ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރެއްގައި ވަނީ ސަރުކާރާއި ދެކޮޅަށް ސީދާ ހަރަކާތަށް ނިކުތުމަށް ހުށަހަޅާފަ އެވެ.
ގަރާރުގައި ބުނެފައި ވަނީ، އެމްޑީޕީގެ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތެރެއިން 90 އިންސައްތަ މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓްތައް ވެސް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ދައުލަތަށް ލާޒިމުކުރާ މިފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ އިރު، ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން 2025 އަށް ނިންމަންޖެހޭ މަސައްކަތްތައް ނުނިމޭނެތީ، ގާނޫނަށް ބަދަލު ގެނެސް އެ މުއްދަތު 2027 އަށް ދަންމާލާފައިވާކަމަށް ގަރާރުގައި ވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ރައީސް މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ފަރާތްތަކާއި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑް ކުރުން ފަދަ ކަންކަން އެއްވެސް އުސޫލެއް ނެތި ކުރަމުންދާކަމަށް ގަރާރުގައި ވެއެވެ. އަދި ބުނެފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ބޭނުންހިފާ ރައްޔިތުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލަން ފަށާފައިވާކަމަށެވެ.
ގަރާރުގެ ބަހުސްގައި ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަމާއި، ސިޔާސީ ބޭނުމަށް މުވައްޒަފުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި ވެސް ވަރުގަދަ އިހުތިޖާޖުތައް ސިލްސިލާކޮށް ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރުން މިހާރު ކަންކަން ކުރަމުންދަނީ އެއްވެސް ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ބެލުމެއް ނެތި، ވެރިން ބޭނުންވާހާ ގޮތަކަށް ކަމަށެވެ. ހާއްސަކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ވަޒީފާގެ ބިރު ދެއްކުމާއި ގުޅޭގޮތުން ގަރާރުގައި ފާހަގަކޮށްފައިވާ ނުކުތާއަށް ފައްޔާޒް ވިދާޅުވީ ފަރެސްމާތޮޑާގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދެއްކި މުވައްޒަފަކު، ރޭ ދަންވަރުގެ ވަގުތެއްގައި ހއ. ބާރަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި، އެ މުވައްޒަފު ބާރަށަށް ފޮނުވާލާފައި ވަނީ ކެއުމާއި ހުރުމުގެ އެއްވެސް ހަރަދެއް ސަރުކާރުން ނުދޭ ގޮތަށެވެ. މިއީ ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާ މުޅިން ހިލާފަށް ހިންގާފައިވާ އިންސާފެއް ނެތް އަމަލެއްކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނާއި ދައުލަތުގެ މާލިއްޔަތަށް ބޭނުން ގޮތެއް ހަދަމުންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކައިރިއަށް ދާން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑުމެންނާ ބައްދަލު ނުވެއްޖެކަމަށް ވާނަމަ، އެބޭފުޅުންގެ ގެއަށް އަޅުގަނޑުމެން އެބަޖެހޭ މި މައްސަލަތައް ހިފައިގެން އަޅުގަނޑުމެންގެ އަޑު އަހާތޯ އެބޭފުޅުން ކައިރިއަށް ދާން. އަޅުގަނޑުމެން އެބަޖެހޭ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ގޮސް މިކަންތައްތަކާ އެބޭފުޅުންނަށް އެކަންކަން ނުވާކަމަށްވަންޏާ އެކަންކަމާ ހަވާލުވެ ތިބި ބޭފުޅުން އެބަޖެހޭ އެތަނުން ދުރުވާން.
ފައްޔާޒް ވިދާޅުވީ މިއަދު މުޅި ގައުމަށް ފެންނަމުން ދަނީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ އިގްތިސާދު ފުނޑުފުނޑުވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން ގިނަ ރައްޔިތުން މިއަދު ތިބީ ބަނޑުހައިހޫނުކަމެއްގެ ތެރޭގައި ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގެ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ރައްޔިތުންގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ، ރޭވުންތެރިކަމާއެކު ސިލްސިލާ ގޮތެއްގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރުމަށާއި، އެބޭފުޅުން ބައްދަލުނުވެއްޖެ ނަމަ ގޭގެއަށް ގޮސްގެންވެސް ރައްޔިތުންގެ ޝަކުވާތައް އިއްވަންޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. މީގެއިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި އެމްއެމްއޭ ފަދަ މުއައްސަސާތަކަށް ގޮސް، ޑޮލަރުގެ މައްސަލައާއި ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ