ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަނީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށްކަމަށް އިދިކޮޅު މައިޕާޓީ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން އެހެން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދައުލަތުގެ ބާރުތައް ވަކިވެފައިވާ ނިޒާމު ގަޑުބަޑުވާ ގޮތަށް ހިންގާ އަމަލުތައް އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެފަދަ ކަންކަމަކީ ފަނޑިޔާރުގޭގެ މިނިވަންކަމަށްވެސް ބުރޫއަރާފަދަ ކަންކަންކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޖޭއެސްސީގައި އިންނަވާ މެމްބަރު މުހައްމަދު ސަމީރު ވަކިކުރައްވައި އެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަނު ކުރައްވާފައިވާތީ، މި ދަނޑިވަޅާއި ޙާލަތަށް ބަލައި މިއީ އެ ޕާޓީން ކަންބޮޑުވާ ކަމެއްކަމަށް ބަޔާންކޮށްފައެވެ.
ވަކިން ޚާއްސަކޮށް ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިވުމުން މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙު ބާތިލުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވައި އެ ކޯޓުގެ ބެންޗަށް ޖޭއެސްސީއާއި މަޖިލިސް މެދުވެރިކޮށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެމްޑީޕީން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާމެދު ޝަކުވާތައް ހުށަހެޅުމަށް ޕީއެންސީގެ މެމްބަރުންނަށް އެ ޕާޓީން އިރުޝާދު ދީފައިވާކަމަށް އަޑުފެތުރިފައިވެއެވެ. މިފަދަ ކަންކަމަކީ ސީދާ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ކުރެވޭ މަސައްކަތްތައްކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
ޖުމުލަކޮށް، ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުޙައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅޭގޮތުން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިހާރު ކޯޓުތަކުގެ ޤާނޫނު އޮންނަގޮތް އިސްލާޙުކޮށް، ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއެކު އެ ކޯޓަށް އައްޔަނު ކުރެވިފައިވާ ޖުމުލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށާއި، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ވާންޖެހޭނީ އޮނަހިރި އަދަދަކަށްކަމަށް ކަނޑައެޅުމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓަށް އައްޔަނު ކޮށްފައިވާ ފަނޑިޔާރަކު އޭނާގެ މަޤާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލު ނޫންކަމަށް ޖޭއެސްސީއަށް ޤަބޫލު ކުރެވިގެން، އެ ފަނޑިޔާރަކު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވުމުންކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުގެ މަތިން ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެއަށްފަހު 7 ދުވަހުގެ ތެރޭގައި ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމަންޖެހެއެވެ.
އަދި މި މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް އެކަންކަމާ ގުޅިގެން ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ މުއްދަތުތަކާއި އިޖުރާއަތުތަކަށް އިސްތިސްނާއެއް ދިނުމުގެ ބާރު ޖޭއެސްސީއަށް އަދި މަޖިލީހަށް ލިބިގެންވާނެކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، އެގޮތުގެ މަތިން ވަކިކުރެވޭ ފަނޑިޔާރުންނަށް ފަނޑިޔާރުންގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޚާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ޖޭއެސްސީން ކަނޑައަޅާ ގޮތެއްގެ މަތިން ދައުލަތުން ދޭންވާނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މި މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ވަކިކުރެވޭ ފަނޑިޔާރުން ފިޔަވައި ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ފަނޑިޔާރުން އެ ފަނޑިޔާރުންގެ މަޤާމުގައި ދެމިތިބޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް ބިލެއް ހުށަހަޅާފައިމިވާ ދަނޑިވަޅަކީ ޤާނޫނުއަސާސީއަށް ގެނައި އިސްލާޙުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަނީ އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ.
މީގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސްގެ މެމްބަރުގެ ގޮތުގައި އިންނަވާ މެމްބަރު މުހައްމަދު ސަމީރު ވަކިކުރައްވައި އެ މަގާމަށް ޔަޒްމީދު މުހައްމަދު އާދިއްތަ ދުވަހުގެ ވަގުތެއްގައި ވަނީ އައްޔަނުކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަނީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ