ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީ ކަމުގެ ފާހަގަ ޖަހާނީ ވައަތުގެ ކަށި އިނގިލީގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން މީގެކުރިން ނިންމާފައި އޮތީ ދެވަނަ ބުރުގައި ވޯޓުލީކަމުގެ ނިޝާން ވައަތުގެ މެދު އިނގިލީގައި ޖަހާގޮތަށެވެ. އެކޮމިޝަނުން ކުރި ޕޯސްޓެއްގައި ބުނީ، ދެވަނަބުރު ގައި، ވޯޓުލާ މީހުންގެ ވައަތުގެ ކަށި އިނގިލީގައި ފާހަގަ ޖަހާގޮތަށް ކޮމިޝަނުން މިއަދު ނިންމާފައިވާކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ކަމުގެ ފާހަގަ ޖަހަފައިވަނީ ވައަތުގެ ޝަހާދަތް އިނގިލީގައެވެ. ގާތްގާތުގައި އިންތިޚާބު ބާއްވާނަމަ ކުރީ އިންތިހާބުގައި ފާހަގަ ޖެހި އިނގިލި ފިޔަވައި ފާހަގަޖެހުމަށް އެހެން އިނގިއްޔެއް ކަނޑައަޅަންޖެހެއެވެ. ވޯޓުލީކަމުގެ ފާހަގަ ޖަހަނީ އެކަމަށް ހާއްސަކޮށްފައިވާ މާކަރަކުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާއި، ދެވަނަ ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.
ފުރަތަމަ ބުރުގައި ޑރ. މުއިއްޒުއަށް ވަނީ، ވޯޓުލީ މީހުންގެ 45.07 އިންސައްތަ ވޯޓު ހޯއްދަވާފަވެ. އެއީ 101،635 ވޯޓެވެ. ރައީސް ޞާލިޙަށް އިންތިޚާބުގައި ލިބިވަޑައިގަތީ 38 އިންސައްތައެވެ. އެއީ ވޯޓުލީ 225،486 މީހުންގެ ތެރެއިން، 86،161 މީހުންގެ ވޯޓެވެ.
ވޯޓުލީކަމުގެ ފާހަގަ ވައަތުގެ ކަށި އިނގިލީގައި ޖަހާގޮތަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ