މޫސުން ގޯސް ކަމަށް ބުނެ، މިއުޒިކް ޝޯ ފަސްކޮށްފި

2024 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ރޭގަނޑު ބޭއްވުމަށް ނިންމާފައިވާ ޙަރަކާތް ފަސްކުރަން ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ނެރުން ބަޔާނެއްގައި ބުނި ގޮތުގައި، އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްޞަކޮށް "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި 31 ޑިސެމްބަރު 2023 ގައި އެ މިނިސްޓްރީން ވަނީ ފެސްޓިވަލެއް ބޭއްވުމަށް ނިންމާފައެވެ.
ޔޫތު މިނިސްޓްރީން ބުނީ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުންގެ ޝައުޤުވެރިކަން އޮތް ނަމަވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ސަރަޙައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.
އެހެންކަމުން، ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާ ގުޅިގެން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ 31 ޑިސެމްބަރުގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތް ފަސްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށްފަހު އަންގާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
"ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގައި ރޭގަނޑު ބޭއްވުމަށް ނިންމި ހަރަކާތްތަކުގެ ތެރޭގައި މިއުޒިކް ޝޯއަކާއި ލޭޒާ ޝޯއެއްގެ އިތުރުން ހަވާއެރުވުން ހިމެނެއެވެ.
މީގެއިތުރުން މިމަހު 31 ވަނަ ދުވަހުގެ ހަވީރު ކުޑަކުދިންގެ އާއިލީ ހަވީރެއް އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ