އެއްދުވަސްތެރޭ 178 މީހުން ޝަހީދު، 589 މީހުން ޒަޚަމް

ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ހުކުރު ދުވަހު ހެނދުނުން ފެށިގެން އެއްގަމާއި، ވަޔާއި އަދި ކަނޑުމަގުން ޣައްޒާއަށް ދޭންފެށި އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 178 މީހުން ޝަހީދުވެފައިވާ ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހަމަލާތަކުގައި އިތުރު 589 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރާއީލުގެ އުދުވާނުގައި ޝަހީދުވި އަދި ޒަޚަމްވި ގިނަމީހުންނަކީ ކުޑަކުދިންނާއި އަންހެނުން ކަމަށްވެސް ބުނެފައި ވެއެވެ.
ހަމަލާތަކުގައި ޝަހީދުވެފައިވާ އަދި ޒަޚަމްވެފައިވާ ކުޑަކުދިން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ.
އިސްރާއީލުގެ ޓެރަރިސްޓުން ބޮންއަޅައި ވައްޓާލި އެތައް އިމާރާތެއްގެ ދަށުގައި އެތައްބަޔަކު މަރުވެ އަދި ތާށިވެފައި އެބަތިބި ކަމަށްވެސް، ޣައްޒާއިން ލިބެމުންދާ ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުން އެންމެ ގަދަޔަށް ބޮންއަޅާފައިވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްއަށެވެ. ޚާން ޔޫނިސްއަކީ ޣައްޒާގެ އުތުރު ހުސްކުރަން އިސްރާއީލުން އިންޒާރު ކުރުމުން ގިނަބަޔަކު ގޮސްފައިވާ ސަރަހައްދެވެ.
ޚާން ޔޫނިސްގައި އާންމުންގެ އެތައް ގެއަކާއި، އާންމުން ދިރިއުޅޭ އެތައް އިމާރާތަކަށް ބޮންއަޅައި ބިމާހަމަކޮށްލާފައި ވެއެވެ.
ޚާން ޔޫނިސްއަށް އިސްރާއީލު ޓެރަރިސްޓު ސިފައިން ލިއުންތަކެއް އަޅައި، އެ ސިޓީގައި ތިބި މީހުން އަދިވެސް ދެކުނަށް ދިއުމަށް އިންޒާރުކޮށްފައި ވެއެވެ.
ޚާން ޔޫނިސްގެ އިތުރުން ރަފަހާއި، ޣައްޒާގެ ދެކުނުގެ އެކި ހިސާބުތަކަށް ޓެރަރިސްޓުންވަނީ ބޮންއަޅާފައެވެ.
ޑޮކްޓަރސް ވިތައުޓް ބޯޑަރސްއިން ނެރުނު ބަޔާނެއްގައި އިސްރާއީލަށް ގޮވާލާފައިވަނީ، ޣައްޒާގެ ދެކުނުގައި ތިބި އާންމުން އަދިވެސް ދެކުނަށް ދިއުމަށް އެންގި އެންގުން އަނބުރާ ނެގުމަށެވެ. ބަޔާނުގައި ބުނެފައިވަނީ، ޣައްޒާގެ އެއްވެސް ހިސާބެއް އާންމުންނަށް ރައްކާތެރި ނޫން ކަމަށެވެ.
ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ހުށަހެޅި އެއްވެސް ކަމެއް ގަބޫލުނުކޮށް މުޅި ދުނިޔެއާ ދެކޮޅަށް އިސްރާއީލުން ޣައްޒާއަށް ބޮންއަޅަން ފެށިއިރު، ދޯހާގައި ބާއްވަމުންދިޔަ ވާހަކަތައްވެސް މިހާރުވަނީ މެދުކެނޑިފައެވެ.
އެހެންނަމަވެސް، ގަތަރާއި، މިސްރާއި އަދި އެމެރިކާއިން މިރޭ ބުނެފައިވަނީ ހަމަލާތައް މަޑުޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާރބީ، ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، އިތުރު ރަހީނުން މިނިވަން ކުރުމަށާއި، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް ހަމަލާތައް މަޑުޖައްސަން އެމެރިކާއިން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
މިސްރުގެ އިންފޮމޭޝަން އޮފީހުން ބުނެފައިވަނީ، ހަމަލާތައް އަލުން މެދުކަނޑާލަން މިސްރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ހަމަލާތައް މަޑުޖައްސާލި މުއްދަތު އިތުރު ނުކުރެވުނީ ހަމާސްއާހެދި ކަމަށާއި، ހަމާސްއިން ހައްޔަރުކޮށްފައިވަ އިސްރާއީލު ރަހީނުންގެ ލިސްޓެއް ނުދިނުމުން ކަމަށް ވައިޓްހައުސްއިން ބުނެފައި ވެއެވެ.
ނަމަވެސް، ހަމާސްއިން ބުނެފައިވަނީ، މުއްދަތު އިތުރުކުރުމުގެ ވާހަކަތައް ފެއިލްވީ ހަމާސްއިން ހުށަހެޅި ކަންކަމަށް އިސްރާއީލު އެއްބަސްނުވެ ބޮޑާހޭކުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ