ޕީޕީއެމް ދޫކުރެއްވުން ވެސް 'ޔާމީން ސްޕީޑް'ގައި، ދެން އޮތީ އާ ޕާޓީ ކިހާ ވަރުގަދަވާނެތޯ ބެލުން

ރޭ މުހައްމަދު މަލީހު ޖަމާލް ނިދިނުކުރައްވާ ކުރެއްވި ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން އުޅުއްވާ އާ ސިޔާސީ ޕާޓީއަށް ނަމެއް ކަނޑައެޅުމުގެ މަސައްކަތެވެ. ފަތިހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ 'ޕާޓީގެ ނަން ފައިނަލް ކުރެވިއްޖެ' ކަމަށެވެ.
"ނުނިދާ ހޭލާ ތިއްބެވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އެ ޕޯސްޓްގައި އޭނާ ލިއުއްވި އެވެ.
"ޝުކުރިއްޔާ ހިޔާލު ދެއްވި ހުރިހާ ބޭފުޅުން. ވަރަށް ހާއްސަ ޝުކުރެއް ރައީސް ޔާމީނަށް. މިއީ ޔާމީން ސްޕީޑް"
ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް ރޭ އިއުލާންކުރެއްވި ގޮތުގައި ޕީޕީއެމުން ޔާމީން ވަކިވެވަޑަައިގެންފި އެވެ. އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފި އެވެ. އެއިން ކަމަކާ ބެހޭ ގޮތުން ޔާމީން ސީދާ އަދި ވަކި އެއްޗެކޭ ވިދާޅެއްނުވެ އެވެ. އެކަމަކު ޔާމީންގެ ކަންކަމުގައި މިހާރު އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ ޖަމީލް ކަމުން، އެ ވާހަކަ ގަބޫލުކުރަން އެބަ ޖެހެ އެވެ.
މަލީހަކީ ސިޔާސީ ގޮތުން މާ ނުފޫޒު ގަދަ ބޭފުޅަކަށް ނުވިޔަސް، ޔާމީން ވިދާޅުވެގެން ކަމަށް ބުނެ، ޕީޕީއެމްގައި ސްޓިއަރިން ކޮމިޓީއެއް އިއުލާންކުރައްވައި، މީގެ ދެ ރޭ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުގައި އިސްކޮށް ހުންނެވީ އޭނާ އެވެ. އެ އަމަލާ ގުޅިގެން ޕީޕީއެމްގެ ސުލޫކީ ކޮމިޓީން މިހާރު ވަނީ ޕާޓީން އޭނާ ވަކި ވެސް ކޮށްފަ އެވެ. ޔާމީން ވިދާޅުވިއޭ ކިޔައިގެން މަލީހު ހެއްދެވީ އިތުރުފުޅެއް ކަމަށް ވެސް، ޕީޕީއެމްގެ ނިންމުމުގައި ބުންޏެވެ.
ޕީޕީއެމުން އިއްޔެ މަލީހު ވަކިކުރިތާ މާ ގިނަ އިރެއްނުވެ، ޖަމީލް އިއުލާންކުރެއްވީ ޕީޕީއެމް ދޫކުރައްވާ، އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ޔާމީން ނިންމެވި ކަމަށެވެ.
"އެމަނިކުފާނު ރައްޔިތުން އެދުނު ގޮތަށް ރ. އިބޫގެ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ވެރިކަން ބަދަލުކުރައްވަން ހުރިހާ މަސައްކަތެއް ކޮށްދެއްވި. އެހެނަސް މިއަދު ޕާޓީގެ ލީޑަރޝިޕްގެ ވިސްނުން އެމަނިކުފާނާ ތަފާތު،" އެކްސްގައި ލިއުއްވަމުން ޖަމީލް ވިދާޅުވި އެވެ.
"އެބޭފުޅުން އެމަނިކުފާނާ ދުރަށް ހިނގައްޖެ. އެހެންކަމުން އެމަނިކުފާނު ޕީޕީއެމުން އިސްތިޢުފާ ދެއްވައިފި. އަދި އެމަނިކުފާނުގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި."
ޕީޕީއެމްގެ ރަސްމީ އެއްވެސް ހައިސިއްޔަތެއް ޔާމީންގެ މިހާރުގެ ނެތެވެ. ޕާޓީގެ އާ އާންމު ޖަލްސާ ބާއްވައި، ލީޑަޝިފަށް ބޭފުޅަކު އިންތިހާބުކުރެވެންދެން ޕާޓީގެ އެންމެ އިސް ދެ ބޭފުޅުންގެ ގޮތުގައި ތިއްބެވީ ދެ ނައިބު ރައީސުން ކަމަށްވާ އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ރައީސް މުހައްމަދު މުއިއްޒު އާއި ޔާމީނާ ދެމެދު މިހާރު އެއްވެސް ކަހަލަ ގުޅުމެއް ނެތް ކަމަށް، މައުލޫމާތު ހުރި މަސްދަރުތަކުން ބުނެ އެވެ. އެ ގުޅުން ކެނޑުނީ މާފުށީ ޖަލުން ގެއަށް ޔާމީން ބަދަލުކުރި ތަނާ ހެންނެވެ. މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޔާމީނާ އެކު މަސައްކަތްކުރެއްވުމުގައި ހުންނާނެ އުނދަގޫތައް އާ ރައީސަށް އެނގިވަޑައިގަނެ އެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ގާނޫނީ ގޮތުން ޔާމީނަަށް ސިޔާސީ ޕާޓީއެއްގެ އާންމު މެމްބަރެއްގެ ހައިސިއްޔަތު ފިޔަވައި އެހެން މަގާމެއް އަދައެއްނުކުރެއްވޭނެ އެވެ. އެހެންކަމުން ޕީޕީއެމްގެ ކަންކަން ހިންގަން 12 މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެމަނިކުފާނު އުފެއްދެވުން ފަދަ ކަންކަން ކުރެއްވުމުގެ ފުރުސަތެއް ނެތެވެ. އަދި އެގޮތަށް އަމަލްތައް ހުރި ނަމަ ޕާޓީން ވަކިކުރުމުގެ ބާރު، މިހާރު ޕީޕީއެމް ކޮންޓްރޯލްކުރާ ލީޑަޝިޕަށް އެބަ އޮތެވެ.
ހަނދާނުގައި ބަހައްޓާށެވެ. ސަރުކާރު ނިސްބަތްވާ ޕާޓީއެއްގައި އޭރަކު ހުންނަވާ ރައީސަކަށް ވުރެ ބާރުގަދަ އެހެން ބޭފުޅަކު އަތްގަދަކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ޕީޕީއެމްގެ ބާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން އެ ޕާޓީ ޔާމީން އަތުލެއްވުމަކީ އޭގެ ފުރަތަމަ މިސާލެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ދޫކުރައްވަން ޖެހޭ ވަރަށް ޕާޓީ ތެރޭގައި 'ކުޑަކޮށްލީ' އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބާރުގަ އެވެ.
ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުމުގައި ޔާމީން ޕާޓީ މި ދޫކުރެއްވީ ސަރުކާރު އުފެދުނުތާ އެންމެ ހަފުތާއެއްގެ ތެރޭގަ އެވެ. މަލީހު އެ ވިދާޅުވާ 'ޔާމީން ސްޕީޑަކީ' އެ އެވެ.
ޔާމީނަކީ ފިޔަވަޅެއް އަޅުއްވާ އިރު ލަސްކުރައްވާ ބޭފުޅެއް ނޫނެވެ. އެ އަޅުއްވާ ފިޔަވަޅެއް، އެންމެ އަރިސް ބޭފުޅުންނަށް ދެންނެވުމެއް ވެސް، ބައެއް ފަހަރަކަަށް، ނޯވެ އެވެ. އޭގެ ނަތީޖާ ފަހުން އަންނާނެ ގޮތަކާ މެދު ވެސް ހިޔާލެއް ނުގެން ގުޅުއްވަ އެވެ. އޭގެ މިސާލަކީ އެމަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރުކުރުމެވެ. ފަހުގެ ނަތީޖާއަކީ ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ބަލިވެވަޑައިގަތުމެވެ.
"މިއީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ތައްޔާރުވުން،" ޔާމީނާ ވެސް އަރިސް އަދި އާ ސަރުކާރާ އެކު ވެސް ކައިރިން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
"ޔާމީން އެ އުޅުއްވަނީ އެމަނިކުފާނުގެ ބާރު އޮތް ވަރެއް ވެސް ދައްކަވަން."
އެކަމަކު އަދިވެސް އަމިއްލަ ނަންފުޅުގައި ޕާޓީ އުފައްދަވައި، ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ޖަލު ހުކުމަކީ ހުރަހެކެވެ. ޔާމީނަށް ސިޔާސީ މަގު މުޅިން އަމާންވާނީ ހައި ކޯޓުން އެ މައްސަލާގައި އެމަނިކުފާނާ އެއްކޮޅަށް ހުކުމް އަތުވެއްޖެ ނަމަ އެވެ. މިހާރު އިސްތިއުނާފީ މައްސަލަ އޮތީ ހުކުމަކާ ކައިރީގަ އެވެ.
އާ ޕާޓީއެއް އުފައްދަވަން ޔާމީން އުޅުއްވާ ނަމަ އެހެން ސުވާލެއް ވެސް އުފެދެ އެވެ؛ އެ ހިތްވަރު ހުރުމާއި މާލީ ތަނަވަސްކަމެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުވާތައް އެމަނިކުފާނުގެ މައްޗަށް އުފުލުމުގެ ކުރިން ވެސް ވިދާޅުވަމުން ގެންދެވީ ސިޔާސީ ހަރަކާތަށް އެމަނިކުފާނަށް އެކި ފަރާތްތަކުން އޭރު މާލީ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އެކައުންޓްތަކުގައި އެކި ބޭންކްތަކުގައި ހުރި ސަތޭކަ މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ، ސިޔާސީ ހަރަކާތަށް އެކި މީހުން ދިން އެހީ ވެސް ހިމެނޭ 'މުއްސަނދިކަމެއް' ކަމަށް، ބަލަން ޖެހެ އެވެ.
އާ ޕާޓީއެއް އުފައްދަން އެ ފައިސާ ހޭދަކުރައްވާފާނެ ހެއްޔެވެ؟ ޔާމީން ދަންނަ ބައެއް ބޭފުޅުން ވިދާޅުވީ 'ވަރަށް ހީނުވޭ" ކަމަށެވެ.
"ޕީޕީއެމް ވެސް އެ ހިންގަނީ ސަރުކާރުން އެ ދޭ ލާރިއަކުން، އަނެއްހެން އެއްވެސް އެއްޗެއް ނެތް. ޔާމީނެއް ހަރަދެއް ނުކުރައްވާ،" ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގެ ކުލި ވެސް ބައެއް ފަހަރަށް ނުދެއްކި އެތައް މަހެއް ވާކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލްގެ ކޮއްކޮ މަލީހު މިހާރު ފެންނަނީ ޔާމީން އިސްކޮށް ހުންނަވައިގެން ހަދާ ޕާޓީގެ ކަންކަމުގެ މައުލޫމާތު ސޯޝަލް މީޑިއާއަށް ގެނެސްދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
'ޔާމީންގެ ސްޕީޑް'ގައި އާ ޕާޓީ އުފައްދާ ހަރަކާތް ފެށިއްޖެ ނަމަ، ރައީސް މުއިއްޒުއަށް އާންމު އިންތިހާބުގައި ގޮންޖެހުންތައް ހުރުން އެކަށީގެންވެ އެވެ. އެކަމަކު އާ ޕާޓީއެއް ހަދައި، ހިންގުމަކީ ކިހާ ބޮޑު ކަމެއްކަން، ނަޝީދުގެ ދަ ޑިމޮކްރެޓިކްސްގެ ތަޖުރިބާއިން އެ އޮތީ ފެންނާށެވެ. އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް ރޫޅާލުމަކީ، އެ ޕާޓީތައް ވެރިކަމުގައި އޮންނަހާ ހިނދަކު އެހާ ފަސޭހަ ކަމެއް ނޫނެވެ.
ޔާމީން ޕީޕީއެމް ދޫކުރެއްވުމުން، ރައީސް މުއިއްޒު އަލުން ޕީޕީއެމްއާ ގުޅިވަޑައިނުގަންނަވަންވީ ސަބަބެއް ނެތެވެ. އެހާ ހިސާބުން ޕީޕީއެމް އޮންނާނީ ވަރުގަދަވެފަ އެވެ. ރާއްޖެއިން ލިބޭ ތަޖުރިބާއަކީ އެ އެވެ.
އެ ތަޖުރިބާ ޔާމީނަށް ބަދަލުކުރެއްވިދާނެތޯ އެވެ؟ މި ސުވާލަށް ޖަވާބު ލިބޭނީ އަދި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ