މަންޑޭގެ އަގުބޮޑު މުދާ އަތުލި މައްސަލަ ހައި ކޯޓުން ބަލަނީ

ކޭ ޕާކް ރެސިޑެންސް ފްލެޓްތައް އޮޅުވާލައިގެން ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ އަގު ބޮޑު މުދާތައް ހިފަހައްޓަން ނެރުނު އަމުރުގެ މައްސަލަ ހައި ކޯޓުން ބަލައިގަތުމަށް ނިންމައިފި އެވެ.
ކޭ ޕާކް ފްލެޓްތައް ހަދަމުންދާ ހަންބޯ ކުންފުންޏަށް ނޭނގި ވިއްކައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ އެއް ހިއްސާދާރު މަންޑޭގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އަދި މަންޑޭގެ އަގުބޮޑު އެޕާޓްމެންޓާއި އަގު ބޮޑު މުދާތައް އެއް އަހަރަށް ވަނީ ހިފަހައްޓައިފަ އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން މަންޑޭގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމާފައި ވަނިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ރަޖިސްޓްރާގެ ނިންމުން ބާތިލް ކުރުމަށެވެ.
އެގޮތަށް ނިންމެވީ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ޝަނީޒްގެ ރައުޔަކީ އެ މައްސަލާގައި ގާނޫނީ ބަހުސެއް އޮތުމުން މައްސަލަ ބަލައިގަންނަން ޖެހޭ ކަމަށެވެ.
ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.
ކޭ ޕާކް މައްސަލާގައި މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ވަނީ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ